އިރުމަތީ ޔޫރަޕާއި ހުޅަނގު އޭޝިއާ ގުޅޭ ހިސާބުގައި އޮންނަ ބްލެކް ސީ ސަރަހައްދުން، ތުރުކީވިލާތުން ގުދުރަތީ ގޭސް ރިޒާވެއް ހޯދައިފިއެވެ.

ތުރުކީވިލާތުގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާން ވިދާޅުވީ ޖުލައި މަހުން ފެށިގެން ބްލެކް ސީ ސަރަހައްދުގައި ހަރަކާތްތެރިވާ "ފާތިހު" ނަމަކަށް ކިއާ ބޯޓަކަށް ފެނުނު ގުދުރަތީ ގޭސް ރިޒާވްގެ ބޮޑު މިނުގައި 320 ބިލިއަން ކިއުބިކް މީޓަރު ހުންނާނެ ކަމަށެވެ.

މިއީ މިހާތަނަށް ތުރުކީވިލާތަށް ފެނުނު އެންމެ ބޮޑު ގޭސް ރިޒާވް ކަމަށް މައުލޫމާތު ލިބެއެވެ.

އުރުދުގާން ވިދާޅުވީ މި ގޭސް ރިޒާވްއާ ގުޅިގެން ހަދަން ޖެހޭ ޓެސްޓުތަކާ، އިންޖިނޭރުކަމާ ގުޅޭ ހުރިހާ މަސައްކަތްތަކެއްވެސް މިހާރު ނިމިފައިވާކަމަށެވެ. މިއީ ބޮޑު ރިޒާވްއެއްގެ ބައެއް ކަމަށާ، އަދިވެސް އިތުރު ވަސީލަތް ލިބުން އޮތީ ﷲގެ އިރާދަފުޅާއެކު ކުރިއަށް ކަމަށްވެސް އުރުދުގާން ވިދާޅުވިއެވެ.

ތުރުކީވިލާތަކީ ބައިނަލްއަގުވާމީ ފެންވަރުގައި އެންމެ ފުޅާދާއިރާއެއްގައި ހަކަތަ އެކްސްޕޯޓް ކުރާ ގައުމަށް ވުމުގެ ކުރިން އެ ގައުމުގެ މަސައްކަތަށް ހުއްޓުމެއް ނެތް ކަމަށްވެސް އުރުދުގާން ވަނީ ވިދާޅުވެފައެވެ.

2023 ވަނަ އަހަރު، މި ރިޒާވުން ގޭސް ނަގަން ފެށޭ ވަރު ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އުރުދުގާން ވިދާޅުވި ނަމަވެސް، ވިޔަފާރީގެ ބޭނުމަށް ގޭސް ނެގޭ ވަރު ވާނީ އަދި 10 ވަރަކަށް އަހަރު ފަހުން ކަމަށާ، އެކަމަށް އެތައް ބިލިއަން ޑޮލަރެއްވެސް އިންވެސްޓް ކުރަންޖެހިދާނެ ކަމަށް ހަކަތައިގެ ދާއިރާގެ ތަޖުރިބާކާރުން ވަނީ ފާހަގަކުރައްވާފައެވެ.

ތުރުކީވިލާތުން ވަނީ ކަނޑުގެ ސަތަހަ ތޮރުފައިގެން ސާވޭ ކުރާ ޒާތުގެ އިތުރު ބޯޓެއް، އިރުމަތީ މެޑިޓަރޭނިއަން ކަނޑުގެ ސަރަހައްދަށްވެސް ފޮނުވާފައެވެ. މެޑިޓަރޭނިއަން ކަނޑުގެ ސަރަހައްދު ފަތަހަ ކުރުމުގެ ރޫހެއް ތުރުކީވިލާތުން ގެންގުޅޭއިރު، ގްރީސްއިން ދަނީ މިކަމާ ދެކޮޅު ހަދަމުންނެވެ.