ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން މަރުވި މީހުންގެ އަދަދު 8 ލައްކައަށް ވުރެ މައްޗަށް އަރައިފިއެވެ.
ލިބިފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި ބަލީގައި މިހާތަނަށް 802889 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.
ފާއިތުވީ 24 ގަޑިއިރު ތެރޭގައި އެންމެ ގިނަ އަދަދަކަށް މަރުގެ ކޭސް ރެކޯޑް ކޮށްފައިވަނީ އެމެރިކާއިންނެވެ. އެމެރިކާއިން އިއްޔެ 1170 މީހެއްގެ ފުރާނަ ގެއްލުނު ކަމަށް ރެކޯޑް ކޮށްފައި ވާއިރު މި ބަލީގައި އެ ގައުމުން މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 179200 އަށް އަރާފައެވެ. ދެން އެންމެ ގިނަ އަދަދަކަށް ކޭސް ރެކޯޑް ކޮށްފައިވަނީ ބްރެޒިލްއިންނެވެ. އިއްޔެ ބްރެޒިލްއިން 1031 މީހެއްގެ ފުރާނަ ގެއްލުނު ކަމަށް ރެކޯޑް ކޮށްފައިވާއިރު މި ބަލީގައި ބްރެޒިލްއިން މަރުވި މީހުންގެ އަދަދު ވަނީ 113454 އަށް އަރާފައެވެ. 3 ވަނައަށް އެންމެ ގިނަ އަދަދަކަށް މަރުގެ ކޭސް ރެކޯޑް ކޮށްފައި ވަނީ އަވަށްޓެރި އިންޑިއާއިންނެވެ. އިންޑިއާއިން ކޮވިޑް-19 ޖެހިގެން އިއްޔެ 953 މީހެއްގެ ފުރާނަ ގެއްލުނު ކަމަށް ރެކޯޑް ކޮށްފައިވާއިރު، އެގައުމުން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 55928 އަށް އަރާފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 23.1 މިލިއަނަށްވުރެ މައްޗަށް އަރާފައިވާއިރު، މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި 6.6 މިލިއަނަށް ވުރެ ގިނަ ކޭސް ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 61836 ޕޭޝަންޓެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް މައުލޫމާތު ލިބެއެވެ.
ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ޝިފާ ލިބި ރަނގަޅުވި މީހުންގެ އަދަދު ވަނީ 15.7 މިލިއަނަށް އަރާފައެވެ.