ޔޫތް މިނިސްޓްރީގެ ބިޑް އިވެލުއޭޝަންތައް އަންނަ ހަފްތާއިން ފެށިގެން އާންމު ކުރަން ނިންމާފައިވާ ކަމަށް ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މަހްލޫފް ވިދާޅުވީ، ބިޑް އިވެލުއޭޝަންތައް އާންމުކުރުމަކީ ބިޑް ކުރާ ހުރިހާ ފަރާތްތަކަށް މުހިންމު މައުލޫމަތުތަކަކަށް ވެގެން ދާނެ ކަމަށެވެ. އަދި މި މައުލޫމާތުތައް ރައްޔިތުންނަށް އާންމު ކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް މިނިސްޓަރު މަހްލޫފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މަހްލޫފް މިހެން ބުނެފައިވާއިރު، ފިނޭންސް މިނިސްޓްރީން ނޭޝަނަލް ޓެންޑާ މެދުވެރިކޮށް ކުރިއަށް ގެންދާ ބީލަންތަކުގެ އިވެލުއޭޝަން މަރުހަލާގެ ހުލާސާ މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކުރަން ވަނީ ފަށާފައެވެ. އެގޮތުން، މިދިޔަ ހަފްތާ ތެރޭ އެ މައުލޫމާތު ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ޝާއިރުކުރަން ފަށާފައިވާއިރު މިނިސްޓްރީން ބުނީ ބީލަމަށް ކުރިމަތިލި ފަރާތްތަކާއި އެފަރާތްތަކުން ހުށަހަޅާފައިވާ އަގުތައް ވެބްސައިޓުގައި ޝާއިރު ކުރެވިފައި ހުންނާނެ ކަމަށެވެ.
އޭގެ އިތުރުން އެފަރާތެއް އިވެލުއޭޝަނުން ފާސްވެފައިވާ ކަން ނުވަތަ ނުވާކަން އަދި ބީލަން ކާމިޔާބުނުވި ފަރާތުގެ އިވެލުއޭޝަނުން ދަށްވި ސަބަބުގެ ހުލާސާ ވެސް ހިމަނާފައިވާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ހަމައެހެންމެ މަސައްކަތް އެވޯޑުކޮށްފައިވާ އަގާއި މުއްދަތު ހިމެނޭހެން ހުންނާނެ ކަމަށް ވެސް ފިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ހުއްދަދިން ފަރާތުގެ މައުލޫމާތުގެ އިތުރުން ހުއްދަދިން ދުވަހުގެ މައުލޫމާތު ހިމަނާ ފައިވާނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
ހަމައެކަނި މިއަހަރުގައި ކުރިއަށް ގެންދިޔަ އިވެލުއޭޝަންގެ ހުލާސާ މިވަގުތު ވެބްސައިޓުގައި ހުރި ނަމަވެސް ފިނޭންސް މިނިސްޓްރީން ބުނީ 2019 ވަނަ އަހަތުން ފެށިގެން އޮގަސްޓު މަހުގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވާ ބީލަންތަކުގެ މައުލޫމާތު ވަރަށް އަވަހަށް ޝާއިއުކުރެވޭނެ ކަމަށެވެ.