އަލްޓްރާވައިލެޓް (ޔޫވީ) ލައިޓް ބޭނުންކޮށްގެން ޖަރާސީމު ނައްތާލުމަށް ހާއްސަ ކޮށްފައިވާ ބައްތިތަކުގެ އެހީގައި ކޮރޯނާވައިރަހުގެ ހަރަކާތްތެރިކަން ކަނޑުވާލެވޭ ކަމަށާ، ނަމަވެސް އޭގެ ރައްކާތެރިކަމާ، ވައިރަސް މަރާލުމުގައި އެއީ ކިހާ ވަރެއްގެ ކާމިޔާބު ވަސީލތެއް ކަން އަދި ސާފު ނުވާ ކަމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ބުނެފިއެވެ.
އެފްޑީއޭއިން ބުނީ އަލްޓްރާވައިލެޓް-ސީ (ޔޫވީސީ) ގެ ވޭވްލެންތަކީ، ޔޫވީއޭއާއި ޔޫވީބީއާ އަޅާ ބަލާއިރު ވައިރަސް ނައްތާލުމުގައި ކާމިޔާބު ބާވަތެއް ކަމަށާ، ނަމަވެސް ޔޫވީސީ ލޭމްޕުތަކުގައިވެސް ހައްދެއް އޮންނަ ކަމަށެވެ.
ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ، ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޯވް-2) ނައްތާލުމަށް ޔޫވީސީ ލޭމްޕު ބޭނުން ކުރަންޖެހެނީ ކިހާ ވަގުތެއް ވަންދެންކަންވެސް އަދި ހޯދިފައި ނުވާއިރު، މި ޒާތުގެ އަލާތްތަކަކީ ވަކި ހާލަތްތަކެއްގައި މެނުވީ ބޭނުން ނުކުރެވޭނެ އަލާތްތަކެއް ކަންވެސް ފާހަގަކުރަންޖެހެއެވެ.
އެފްޑީއޭއިން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ، ޔޫވީސީގެ އެހީގައި ވައިރަހާ ބެކްޓީރިއާގެ ހަރަކާތްތެރިކަން ކަނޑުވާލަނީ ސީދާ ގޮތުން އެ އައްޔަކަށް އެ މާއްދާއެއް ހުށަހެޅިގެން ކަމަށް ވެފައި، ވައިރަސް ނުވަތަ ބެކްޓިރިއާއަކީ ހިރަފުސް ނުވަތަ ވެލި ފުކެއްގެ ނިވަލުގައި ފަރުދާ ވެފައިވާ މަހުލޫގަކަށް ވީ ނަމަވެސް، ހަރަކާތްތެރިކަން ކަނޑުވާނުލެވޭނެ ކަމަށެވެ.
ކޮވިޑް-19އާ ދެކޮޅަށް މުޅި ދުނިޔެ ހަނގުރާމަ ކުރަމުންދާ މި ދަނޑިވަޅުގައި، ވައިރަސް ނައްތާލާ ކަމަށް ބުނާ ތަފާތު އެކި ޒާތުގެ އާލާތްތަކާ ވަސީލަތްތައް ބާޒާރަށް ނެރެމުންދާ ދިއުމަށްވެސް ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. މީގެ ތެރެއިން އެއް ބާވަތަކީ މިފަދަ ލޭމްޕުތަކެވެ. ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިންވަނީ މިޒާތުގެ ލޭމްޕުތައް ބޭނުންކޮށްގެން އިންސާނާގެ ގައިގެ ހަންގަނޑުން ވައިރަސް ނައްތާލުމަށް މަސައްކަތް ނުކުރުމަށް އިރުޝާދީފައެވެ.
ޔޫވީސީ ކޭމްޕަކީ މާކަރީ ނުވަތަ ދިރޭ ރަހަ ބޭނުން ކޮށްގެން އުފައްދާފައި ހުންނަ އާލާތަކަށްވާއިރު، މިއީ ވިހަ މާއްދާއެއްކަން ހަނދާން ކުރަންޖެހެއެވެ. ކިތަންމެ ކުޑަ އެތި ކޮޅަކަށް މީހާ ހުށަހެޅުނު ކަމުގައި ވީ ނަމަވެސް މާކަރީއަކީ ނުރައްކާތެރި މާއްދާއެކެވެ. މި ފަދަ ލޭމްޕުތައް ބޭނުން ކުރުމުގައިވެސް އިންތިހާއަށް ފަރުވާތެރި ވާންޖެހެއެވެ.