ވެންޓިލޭޓާ ގަތުމުގައި އެއްވެސް ފަރާތަކަށް ނާޖާއިޒު މަންފާތަކެއް ހޯދައިދިނުމަށް އެއްވެސް މަސައްކަތެއް ކުރައްވައިފައި ނުވާނެ ކަމަށް ޑެޕިއުޓީ ހެލްތު މިނިސްޓަރު ނިޝާމާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ނިޝާމާ ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން ދިވެހިރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމަށް މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން، އަމަލުކޮށްފައިވާގޮތާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް އޮފީހުން ނެރެފައިވާ އޯޑިޓް ރިޕޯޓާ ގުޅޭގޮތުން އެކިއެކި ފޯރަމްތަކުގައި ކަމުގެ ހަގީގަތް އޮޅޭގޮތަށް ވަކި ބަޔަކު ބަދުނާމުވާ ފަދަ ވާހަކަ ތަކެއް ދައްކާ ކަމަށެވެ.

އެގޮތުން ކޮވިޑް-19 އާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތުއިން ވެންޓިލޭޓާ ގަތުމުގައި އެއްވެސް ފަރާތަކަށް ނާޖާއިޒު މަންފާތަކެއް ހޯދައިދިނުމަށް މަގާމުގެ ހައިސިއްޔަތުން އެއްވެސް މަސައްކަތެއް ކުރައްވައިފައި ނުވާ ކަމަށް ނިޝާމާ ވިދާޅުވިއެވެ.

ނިޝާމާ ވިދާޅުވީ މުޅިދުނިޔެއަށް ޕަބްލިކް ހެލްތު ޕެންޑަމިކް އެމަޖެންސީގެ ހާލަތު ކުރިމަތިވެފައި ވުމާއި، ދުނިޔޭގެ ގައުމުތަކުގައި ކޮވިޑް ބަލިޖެހޭ މީހުން ފަރުވާކުރާ އެންމެ މުހިންމު ވަސީލަތަކީ ވެންޓިލޭޓަރު ކަމަށްވެފައި އަދި ވެންޓިލޭޓާ ހޯދުމުގައި ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ވެސް ވެންޓިލޭޓަރުގެ ޑިމާންޑް ބޮޑު ކަމަށެވެ.

އެގޮތުން ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ގޮތުގެ މަތީން ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން 75 ވެންޓިލޭޓަރު އެގްޒިކިއުޓަސް ޖެނެރަލް ޓްރޭޑިންއާއި ހަވާލުކުރުމަށް ބިޑްކޮމިޓީއިން ނިންމާފައި ވަނީ، މާލިއްޔަތު ގަވާއިދާ އެއްގޮތަށް ބަޖެޓުގައި ފައިސާ ހުރިތޯ ބެލުމަށްފަހު މަސައްކަތް ހަވާލުކޮށްގެން ކުރިޔަށް ދިއުމަށް ކަމަށް ނިޝާމާ ވިދާޅުވިއެވެ.

މިމައްސަލައާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ތަހުގީގެއް ކުރަމުންދަނިކޮށް އެކަމުގައި ކަން ހިނގާފައިވާ ގޮތުގެއަސްލު އޮޅޭގޮތަށް ވަކިބަޔަކު ބަދުނާމުވާގޮތަށް ވާހަކަދައްކަމުންދަނީ މިހާރު ކުރިޔަށްދާ ތަހުގީގަށްށް ނުރަނގަޅު ނުފޫޒުތަކެއް ފޯރުވުމަށްކަމަށް ދެކެމެވެ.
ޑެޕިއުޓީ މިނިސްޓާ އޮފް ހެލްތު ނިޝާމާ މުހައްމަދު

ނިޝާމާ ވިދާޅުވީ މިމައްސަލާގައި މިނިސްޓްރީގެ ބިޑް ކޮމެޓީގެ މެމްބަރުން ބައިވެރިވުން އޮތް މިންވަރު އެކަނި ބެލުމުގެ ބަދަލުގައި ހުރިހާ މަރުހަލާތަކެއްގައި މިކަމުގައި ބައިވެރިވި އެންމެހައި ފަރާތްތައް ޝާމިލްވާ ގޮތަށް މިކަން ހިންގާފައިވާ ގޮތުގެ ފުރިހަމަ ތަހުގީގެއް ކަމާ ގުޅުން ހުރި އިދާރާތަކުން ކޮށް ކަން ހިންގާފައިވާ ގޮތުގެ ތަފްސީލް މައުލޫމާތު ރައްޔިތުންނަށް ހާމަކޮށްދިނުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށެވެ.

މިނިސްޓްރީ އޮފް ހެލްތުން ވެންޓިލޭޓަރު ގަތުމުގައި ހެލްތް މިނިސްޓްރީގެ ބިޑް ކޮމެޓީގެ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން އަޅުގަނޑު އަމަލުކޮށްފައިވަނީ ތެދުވެރިކަމާ އަމާނާތްތެރިކަމާއެކު ހެޔޮނިޔަތުގައެވެ.
ޑެޕިއުޓީ ހެލްތު މިނިސްޓަރު ނިޝާމާ މުހައްމަދު

މިނިސްޓްރީގެ ބިޑް ކޮމެޓީގެ ނިންމުންތައް ނިންމާފައިވަނީ ބިޑް ކޮމެޓީއަށް ލިބިފައިވާ ލިޔެކިޔުންތަކާއި މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށް ނިޝާމާ ވިދާޅުވިއެވެ. އެކަމާ ގުޅޭގޮތުން ކަން ހިނގާ ދިޔަގޮތުގެ ތަފްސީލް މައުލޫމާތު ތަހުގީގު އިދާރާތަކާ ހިއްސާކުރާނެ ކަމަށް ނިޝާމާ ވިދާޅުވިއެވެ. އަދި އެމައްސަލައާ ގުޅޭގޮތުން ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުން ކުރިޔަށް ގެންދާ ތަހުގީގުތަކަށް ފުރިހަމަ އެހީ ތެރިކަމާ އެއްބާރުލުން ލިބޭނެކަމުގެ ޔަގީކަން ނިޝާމާ ވަނީ ދެއްވާފައެވެ.

ކޮވިޑް-19 ގެ ޚަރަދުތައް ކުރުމުގައި ހިންގާފައިވާ ކޮރަޕްޝަންތަކާ ގުޅިގެން ހެލްތު މިނިސްޓްރީގެ އިސްވެރިންތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ސަސްޕެންޑުކޮށްފައިވާއިރު އޭގެ ތެރޭގައި ނިޝާމާ މުހައްމަދު ވެސް ހިމެނެއެވެ.

ކޮވިޑާ ގުޅޭ ހެލްތުގެ އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވާ މައްސަލަތަކާ ގުޅިގެން މިނިސްޓަރު އަބްދުﷲ އަމީން ވެސް ވަނީ މަސައްކަތުން އެކަހެރިވެވަޑައިގެންފައެވެ.