ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ރޭ ފަރަންސޭސި ޓީމު ލިޔޯން 3-0 އަކުން ބަލިކޮށްގެން ޖަރުމަނު ޗެމްޕިއަންސް ބަޔާން މިއުނިކް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
މިއީ މުބާރާތުގެ ތާރީހުގައި ބަޔާން ފައިނަލަށް ދަތުރުކުރި 11 ވަނަ ފަހަރެވެ.
ރޭގެ މެޗުގެ ކުރީކޮޅު ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިޔޯންއަށް ލިބުނު އިރު މި ފުރުސަތުތަކުގެ ބޭނުން ނުހިފި އުޅެނިކޮށް މެޗުގެ 18 ވަނަ މިނެޓްގައި ޖަރުމަނުވިލާތުގެ ފޯވަޑް ސާރޖް ގްނާބްރީ ވަނީ ހިތް ގައިމު ލަނޑެއް ޖަހާ ބަޔާންއަށް ލީޑު ނަގާދީފައެވެ.
ސްކޯ 2-0 އަކަށް ހެދީ ވެސް ގްނާބްރީއެވެ. ބަޔާންއަށް ކުޅޭ ޕޮލޭންޑްގެ ފޯވަޑް ރޮބާޓް ލެވަންޑޯސްކީ ފޮނުވާލި ޝޮޓެއް ލިޔާންގެ ކީޕަރު ސަލާމަތްކުރުމުން އެބޯޅަށް އަލުން ގޯލަށް ޖަހާ ގްނާބްރީ ދެވަނަ ލަނޑު ކާމިޔާބުކޮށް ދިނީ މެޗުގެ 33 ވަނަ މިނެޓްގައެވެ.
މެޗުގެ ދެވަނަ ހާފްގައި ވެސް ލިޔޯނުން ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް އުފެއްދި ނަމަވެސް އެޓީމަށް ރޭ މެޗުގައި ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
މެޗުގެ ތިން ވަނަ ލަނޑު ޖަހާ ނަތީޖާ ކަށަވަރުކުރީ 88 ވަނަ މިނެޓްގައި ލެވެންޑޯސްކީއެވެ. ރޭގެ މެޗުން މޮޅުވެ ބަޔާން ވަނީ މިސީޒަންގައި މިހާތަނަށް އެޓީމުން ކުޅުނު 10 މެޗުން ވެސް މޮޅުވެ ރިކޯޑެއް ހަދާފައެވެ.
އަންނަ އާދިއްތަ ދުވަހު އޮންނަ ޗެމްޕިއަންސް ލީގުގެ މިސީޒަންގެ ފައިނަލްގައި ބަޔާންއާ ވާދަ ކުރާނީ ފަރަންސޭސި ޓީމު ޕީއެސްޖީއެވެ.