ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން އިޖްތިމާއީ ގޮތުންނާއި، އިގްތިސޯދީ ގޮތުން ކުރިމަތިވެފައިވާ ހާލަތަށް ނަޒަރު ހިންގާލިއަސް އަމިއްލަ ބޭނުންތައް ފުއްދާލައިގެން ފަރުޖެހެން ނެތްކަން ހާމަވެއްޖެ ކަމަށް ފަސްޓްލޭޑީ ފަޒްނާ އަހްމަދު ވިދާޅުވެއްޖެއެވެ.

މެޑަމް ފަޒްނާ މިހެން ވިދާޅުވީ، އދ އަށް 75 އަހަރު ފުރުމާ ގުޅިގެން 'ޔޫއެން 75' އިން ތައްޔާރު ކޮށްފައި ވާ ރަސްމީ ވީޑިއޯގައެވެ. މި ވީޑިއޯ ތައްޔާރު ކޮށްފައި ވަނީ، 'ޝޭޕިން އަވާ ފިއުޗާ ޓް ގެދާ' ނުވަތަ އެންމެން ގުޅިގެން މުސްތަގުބަލު ބައްޓަން ކުރުމުގެ މައްޗަށް ބިނާކޮށެވެ. މި ވީޑިއޯ ދައްކާލާފައި ވަނީ 'ޔޫއެން 75'ގެ ނަމުގައި ރާއްޖޭގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތްތައް ފެށްޓެވުމުގެ ގޮތުން މިއަދު ބޭއްވި ވާޗުއަލް ރަސްމިއްޔާތު ގައެވެ.

މި ވީޑިއޯގައި އިޖުތިމާއީ، އިގުތިސޯދީ އަދި ތަފާތު ދާއިރާތަކަށް އަލިއަޅުވައިލާފައި ވެއެވެ. އަދި މެޑަމް ފަޒްނާ ހިމެނިވަޑައިގަންނަވާ ގޮތަށް، ރާއްޖޭގެ އެކި ފަންނުތަކާއި ފަންތިތަކުގެ ފަރާތްތަކުން ވަނީ އެ ފަރާތްތަކުގެ ހިޔާލާއި ފިކުރު ހާމަކުރައްވައި، ކުރު މެސެޖުތަކެއް ދެއްވާފައެވެ.

އެގޮތުން، ފަޒްނާ ވިދާޅުވީ، ‎ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން އިޖްތިމާއީ ގޮތުންނާއި، އިހްތިސޯދީ ގޮތުން ކުރިމަތި ވެފައިވާ ހާލަތަށް ނަޒަރު ހިންގާލިއަސް އަމިއްލަ ބޭނުންތައް ފުއްދާލައިގެން ފަރުޖެހެން ނެތްކަން ހާމަވެއްޖެ ކަމަށެވެ. އަދި އެހެން މީހުންގެ އެހީތެރިކަން ނުލިބި އެކަނި ދިރިދެމި ހުރުމަކީ އުނދަގޫ ކަމެއް ކަން ހާމަވެގެން ގޮސްފައިވާ ކަން ވެސް އެކަމަނާ ފާހަގަ ކުރެއްވިއެވެ.

މެޑަމް ފަޒްނާ ވިދާޅުވީ، އަމިއްލަ ފަރުދުންގެ ހެވާއި ލާބައާއި މަންފާ ބަރޯސާ ވަނީ މުޅި މުޖުތަމައުގެ ހެވާއި ލާބައާއި މަންފާގެ މައްޗަށް ކަމަށެވެ.

އެ ވީޑިއޯއަށް ފަހު 'ޔޫއެން 75' އާ ގުޅޭ ހާއްސަ ސާވޭއެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ސާވޭއަކީ ދުނިޔެއަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަތުމަށާއި، އދ އިން ކުރިއަށް ގެންދިޔުމުގައި އިސްކަން ދޭންވީ ކަންކަން ކަނޑައެޅުމަށް ހިޔާލު ހޯދުމުގެ ގޮތުން ކުރިޔަށް ގެންދިޔަ ސާވޭއެކެވެ.

މި ހަރަކާތްތައް ރަސްމީކޮށް ފަށްޓަވައިދެއްވާފައި ވަނީ މިނިސްޓާ އޮފް ފޮރިން އެފެއާޒް، އަބްދުﷲ ޝާހިދާއި، އދ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރު، މިސް ކެތަރިން ހަޒްވެލްއެވެ. 'ޔޫއެން 75' ގެ ޝިއާރާއި ހަރަކާތްތައް ބިނާވެފައި ވަނީ އޮކްޓޯބަރު 24، 2019 ގައި 'ޔޫއެން' ދުވަހުގެ މުނާސަބަތުގައި އދގެ ސެކްރެޓަރީ ޖެނެރަލް، އެންޓޯނިއޯ ގުޓަރޭޝް ދެއްކެވި ވާހަކައިގެ މައްޗަށެވެ. އެމަނިކުފާނުގެ ވާހަކައިގައި ވަނީ ދެކެން ބޭނުންވާ މުސްތަގުބަލް ބިނާކުރުމުގައި ބައިނަލްއަގުވާމީ އެއްބާރުލުމާއި އެހީތެރިކަމުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ.