ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ "ޕަޕެޓް" އެއް ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ވިދާޅުވީ ޖޭއެސްސީ ހަރުދަނާ ކުރުމުގެ ވިސްނުން މި ސަރުކާރުގައި ނެތް ކަމަށެވެ. އަދި ސަރުކާރުން ނުފޫޒު ފޯރުވައިގެން މިއަދު ހުކުމް ކުރައްވާ މީހަކު، ދެން އަންނަ ސަރުކާރަކުން ނުފޫޒު ފޯރުވައިގެން، ރައީސް ސޯލިހަށް ހުކުމް ކުރައްވަން ޖެހިލުންވެ ވަޑައި ނުގަންނަވާނެ ކަން ވިސްނަވައިލެއްވުން ބުއްދިވެރި ކަމަށެވެ.

އާދަމް ޝަރީފް އެފަދައިން ވިދާޅުވީ މިއަދު ރައީސް ސޯލިހް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމިނަލް ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސެއިން އާއި ހދ.ކުޅުދުއްފުށި ފިނިފެންޖަންބުގޭ ޑރ. މުހައްމަދު އިބްރާހީމް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމާއި ގުޅިގެންނެވެ.

އާދަމް ޝަރީފް އެދައިން ވިދާޅުވެފައި ވައިރު، ގާޒީ އަލީ ރަޝީދުގެ ނަން ޖޭއެސްސީ އަށް ފޮނުއްވުމާ ގުޅިގެން އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ ބައެއް މެންބަރުން ގިނަ ތުހުމަތު ތަކެއް ސަރުކާރަށް ވަނީ އަމާޒު ކޮށްފައެވެ.

އެގޮތުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނައަށް ނުހައްގުން ގަސްދުގައި އަނިޔާ ދެމުން ދަނީ ރައީސް ސޯލިހް ކަން ހާމަވެފައިވާ ކަމަށް ވިދާޅުވެފައި ވާއިރު، ރައީސް ޔާމީނަށް ނުހައްގު ހުކުމެއް ކުރުމުގެ އިނާމަކަށް، ސްޕްރީމް ކޯޓުގެ ގޮނޑިއެއް އެ ހުކުމް ކުރި ފަނޑިޔާރު އަލީ ރަޝީދަށް ދެއްވުމަށް ނިންމަވާފައިވާ ކަމަށަް އިދިކޮޅުން ވަނީ ތުހުމަތު ކުރައްވާފައެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދަޅުވެފައި ވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލި ދައުވާގައި އޮތް އެއްޗެއް އަދި ޝަރީއަތުގައި ރައީސް ޔާމީނާއި ރައީސް ޔާމީންގެ ވަކީލުން ދެއްކެވި ވާހަކަ ތަކަށްވެސް ރިއާޔަތް ކުރުމެއް ނެތި ފަނޑިޔާރު އަލީ ރަޝީދު ހުކުމް ކުރެއްވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވުމުން ކަމަށެވެ.

އެއީ ފަނޑިޔާރު އަލީ ރަޝީދާއި ރައީސް ސޯލިހާ ދެ ފަރާތުން އެއްބަސްވެގެން ހެދި ޑީލެއް ކަމަށްވެސް ޝިޔާމް ވަނީ ތުހުމަތު ކުރައްވާފައެވެ. އަދި އިދިކޮޅު ކޯލިޝަންގެ ޕީއެންސީގެ ނައިބު ރައީސް ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ސުޖާއު ވިދާޅުވީ ފަނޑިޔާރު އަލީ ރަޝީދު ގުރުބާން ކުރާ ވަގުތު އައިސް ޖެހިފައިވާ ކަމަށާއި އެއީ ރައީސް ސޯލިހް، ކަން ކުރައްވާ މަކަރުވެރި ގޮތެއް ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފައެވެ.

ރައީސް ސޯލިހު، ސުޕްރީމް ކޯޓަށް އައްޔަން ކުރައްވަން ނިންމަވާފައި ވަނީ، ހދ. ކުޅުދުއްފުށި، ފިނިފެންޖަންބުގޭ ޑރ. މުހައްމަދު އިބްރާހިމާއި، ދަފްތަރު ނަންބަރު ރސ 2302، އަލީ ރަޝީދު ހުސައިންނެވެ. އެ ބޭފުޅުންނާމެދު ޖޭއެސްސީއިން ގޮތެއް ނިންމަވާ ރައީސްއަށް އެންގެވުމުން ރައްޔިތުންގެ މަޖިލީހަށް ރުހުން ހޯދުމަށް މިއަދު ވަނީ ފޮނުވާފައެވެ.

ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލަ ބައްލަވަން ގާޒީ އަލީ ރަޝީދު ހަވާލުވެ ވަޑައިގަތީ، އެ މައްސަލަ ބައްލަވަމުން ގެންދެވި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމުމާ ގުޅިގެންނެވެ. ޖޭއެސްސީން ހައިލަމް ސަސްޕެންޑް ކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނު ޖަހައި ދަމާފައި ގެންދާ ކުރެހުމަކުން ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވި މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ.

ގާޒީ އަލީ ރަޝީދު ބެއްލެވި އެ މައްސަލައިގައި، މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ މިދިޔަ ނޮވެމްބަރު މަހުއެވެ. އެގޮތުން، އެމަނިކުފާނުގެ މައްޗަށް 5 އަހަަރުގެ ދުވަހުގެ ޖަލު ހުކުމެއް އިއްވުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.