ކޮވިޑް-19އާ ގުޅޭ ހެލްތުގެ އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވާ މައްސަލަތަކުގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހަށް ދޮގު ހެއްދެވި ކަމަށް ބުނެ އިމްތިޔާޒު ކޮމިޓީއަށް ފޮނުވައިފިއެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އަމީން މަޖިލީހަށް ދެއްވި އެ މައުލޫމާތަކީ، ސައްހަ ނޫން މައުލޫމާތުތައްކެއް ކަން ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓާއި އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު އިއްޔެ މަޖިލީހުގައި ދެއްވި މައުލޫމާތުތަކުން ހާމަވާ ކަމަށެވެ.

އެފަދަ މައްސަލަތަކަކީ، މަޖިލީހުގެ އިމްތިޔާޒު ކޮމިޓީން ބަލާ މައްސަލަތައް ކަމަށާއި އެ މައްސަލަ ބަލައިދިނުމަށް އެ ކޮމިޓީއަށް ފޮނުއްވެވިކަން ރައީސް ނަޝީދު މިއަދު އިއުލާން ކުރެއްވިއެވެ.

މިނިސްޓަރު އަމީން މަޖިލީހަށް މައުލޫމާތު ދެއްވުމަށްފަހު އޮޑިޓާ ޖެނެރަލްގެ ރިޕޯޓާއި ވަކިން ހާއްސަކޮށް އިއްޔެ އޮޑިޓާ ޖެނެރަލް މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ދެއްވި ބަޔާނާ އެކުވީމަ، އަޅުގަނޑަށް ފެންނަނީ މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް
ރައީސް ނަޝީދު

ރައީސް ނަޝީދު އެފަދައިން ވިދާޅުވީ މިނިސްޓަރު އަމީން ވެންޓިލޭޓަރުތަކާ ގުޅޭ ގޮތުން މީގެ ކުރިން މަޖިލީހަށް ފޮނުވި ސިޓީގައި ފާހަގަކުރައްވައިފާއި ވާ ކަންކަން ވިދާޅުވުމަށް ފަހުއެވެ. އެގޮތުން ދެ ކުންފުންޏާ ގެނައުމަށް ހަވާލު ކުރި ވެންޓިލޭޓަރުތައް ގެނައުން ލަސްވެފައި ވާތީވެ، އިތުރަށް ބޭނުންވާ 75 ވެންޓިލޭޓަރު ވީހާވެސް އަވަހަށް ގެނައުމަށްޓަކައި ދުބާއި އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑީންއާ ސިންގަލް ސޯސް ޕްރޮކިއުމަންޓްގެެ ދަށުން ހަވާޅުކޮށްފައި ވާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި ކަމަށް ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

އަދި އެ ކުންފުންޏަކީ، ޑަބްލިއުއެޗްއޯގެ ރާއްޖޭގެ އޮފީހާއި ދުބާއީ އޮފީހުގެ ލަފާގެ މަތިން ހޮވާފައިވާ ކުންފުންޏެއް ކަމަށް އަމީން މަޖިލީހަށް މައުލޫމަތު ދެއްވާފައި ވާކަންވެސް ރައީސް ނަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ.

މަޖިލީހަށް ދޮގު ހެއްދެވި މައްސަލަ އިމްތިޔާޒު ކޮމިޓީއަށް ފޮނުވައިފައި ވާއިރު، އޮޑިޓް ރިޕޯޓުން ކޮރަޕްޝަންގެ ގިނަ އަމަލުތަކެއް ފެންމަތި ވެފައި ވާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ހެލްތް މިނިސްޓްރީގެ ގިނަ ބަޔަކު ގޭގައި މަޑުކުރަން އަންގަވާފައެވެ. އެގޮތުން ހެލްތް މިނިސްޓްރީގެ ބިޑް ކޮމިޓީއާއި ފައިނޭންޝަލް އެގްޒެކެޓިވްގެ އިތުރުން އެގްރީމަންޓްގައި ސޮއި ކުރި ފަރާތްވެސް ގޭގައި މަޑުކުރުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވެސް ވަނީ އަމިއްލައަށް މަސައްކަތުން އެކަހެރިވެ ވަޑައިގަތުމަށް ނިންމަވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުއްވާފައެވެ.

އަދި އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ހާޒިރު ކުރައްވާ ސުވާލު ކުރައްވާފައެވެ. ޒިޔަތް ވިދާޅުވެފައި ވަނީ ރާއްޖެއަށް ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރި މައްސަލައިގައި އެންމެ ބޮޑު އިހުމާލެއް ވެފައި ވަނީ ހެލްތް މިނިސްޓްރީގެ މާލީ ޒިންމާދާރު ވެރިޔާ އަހްމަދު އަސްލަމް އާއި ބިޑް ކޮމިޓީ ކަމަށެވެ.

ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ހަވާލުކުރި އިރު ސަރުކާރުން ވަނީ މިކަމަށް 30 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އެ ވެންޓިލޭޓަރުތަކުގެ ޖުމްލަ އަގަކީ 34 މިލިއަން ރުފިޔާއެވެ. ވެންޓިލޭޓަރުތަކުގެ އަގުން 90 ޕަސަންޓު ފައިސާ ދައްކާފައިވީ ނަމަވެސް މިހާތަނަށް ރާއްޖެ ގެނެސްފައި ވަނީ 10 ވެންޓިލޭޓަރެވެ. ނަމަވެސް، ރާއްޖެ ގެނައި 10 ވެންޓިލޭޓަރު ހެލްތު މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑަށް ނުފެތޭތީ އެ ތަކެތި މިހާތަނަށް މިނިސްޓްރީން ބަލައިގެންފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.