މިސީޒަންގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ޖަރުމަނުވިލާތުގެ އާރްބީ ލިއެޕްޒިގް 3-0 އަކުން ބަލިކޮށްގެން ފަރަންސޭސި ޗެމްޕިއަންސް ޕީއެސްޖީ ޓީމުގެ ތާރީޚުގެ ފުރަތަމަ ފަހަރަށް އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ރޭގެ މެޗުގައި އެޓީމަށް ފުރަތަމަ ލަނޑުޖަހާ ދީ ލީޑު ނަގައިދިނީ މެޗުގެ 13 ވަނަ މިނެޓްގައިި މަކިނޯސްއެވެ. މިއީ އެޓީމަށް ލިބުނު ހިލޭ ޖެހުމެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ވައްދާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މުބާރާތުގައި މިހާތަނަށް ރީތި ކުޅުމެއް ދައްކަމުން އައި ލިއެޕްޒިގްއަށް ރޭގެ މެޗުގައި މާގިނަ ފުރުސަތުތަކެއް އުފެއްދިފައި ނުވާ އިރު މެޗުގެ ދެވަނަ ލަނޑު 42 ވަނަ މިނެޓްގައި ޕީއެސްޖިއަށް ކާމިޔާބުކޮށްދިނީ މީގެ ކުރިން މެންޗެސްޓާ ޔުނައިޑެޑް އަދި ރިއެލް މެޑްރިޑަށް ވެސް ކުޅެފައިވާ އާޖެންޓީނާގެ ހުނަރުވެރި ފޯވާޑް އެންގެލް ޑި މަރީއާއެވެ. މެޗުގެ މޭން އޮފް ދަ މެޗް އަށް ވެސް ހޮވުނީ އޭނާއެވެ.

ރޭގެ މެޗުގައި މާކިނޯސް ޖަހާ ދިން ލަނޑަކީ ވެސް ޑި މާރިއާގެ ހިލޭ ޖެހުމަކުން ވައްދާލި ލަނޑެއް

0-2 އަކުން ފުރަތަމަ ހާފް ނިންމާލި ޕީއެސްޖީ ވަނީ ދެވަނަ ހާފް ފަށައިގެން މާގިނަ އިރުތަކެއް ނުވެ ސްކޯ 3-0 އަކަށް ހަދާފައެވެ. 56 ވަނަ މިނެޓްގައި މި ލަނޑު އެޓީމަކަށް ކާމިޔާބުކޮށްދިނީި ބްރެޒިލްގެ ފޯވަޑް ނޭމާ ނަގާދިން ހުރަހަކުން ބާނޭއެވެ.

ރޭގެ މެޗުގައި ޕީއެސްޖީގެ ކުރިއަށް ކުޅޭ ތިން ކުޅުންތެރިން ކަމަށްވާ ނޭމާ، ޑިމަރިއާ އަދި ފަރަންސޭސި ފޯވަޑް އެމްބާޕޭގެ ކުޅުން ވަނީ ފާހަގަވެފައެވެ. ހާއްސަކޮށް ނޭމާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހައިރާން ވާ ކަމަށް ފުޓްބޯޅަ ދިރާސާ ކުރާ ގިނަ ފަރާތްތަކުން ވަނީ ބުނެފައެވެ.

ކޯވިޑް-19 ސަބަބުން ނޮކްއައުޓް ފޯމެޓަށް ކުޅެމުން އަންނަ މިސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޕީއެސްޖީ ބައްދަލުކުރަން ޖެހޭނީ މިރޭ ބަޔާން މިއުނިކްއާ ފަރަންސޭސި ޓީމު ލިޔޯން ވާދަ ކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. ބަޔާން ސެމީއަށް ދިޔައީ ކުއާޓާގައި ބާސަލޯނާ 8-2 އަކުން ބަލިކުރުމަށް ފަހުއެވެ. އަދި ލިޔޯން ވަނީ ކުއާޓާގައި މެންޗެސްޓާ ސިޓީ 3-1 އަކުން ބަލިކޮށްފައެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހު އެވެ.