މުޅި ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަން ރާއްޖެއަށް އައި ފަހުން ކުރި މަސައްކަތުގައި ކޮވިޑް އާ ގުޅިގެން އެމްއެންޑީއެފުން ވަނީ 5.2 މިލިއަން ހަރަދުކޮށްފައި ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނެފިއެވެ.
ކޮވިޑް-19 އާ ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން މި އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓެއް ވަނީ ހަދާފައެވެ. އެ އޮޑިޓް ހެދުމަށް ފަހު އޮޑީޓާ ޖެނެރަލުން ބުނެފައި ވަނީ އެމްއެންޑީއެފުން ކޮށްފައިވާ ހަރަދުތަކަކީ މައިގަނޑުގޮތެއްގައި ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި، މިނިސްޓްރީ އޮފް ފިނޭންސުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށެވެ.
އެ ގޮތުން ކޮވިޑާ ގުޅިގެން ހަރަދު ކުރުމަށް ކަނޑައަޅުނު ބަޖެޓުގެ ތެރެއިން އެމްއެންޑީއެފަށް ދެވިފައިވާ ބަޖެޓަކީ 17 މިލިއަން ރުފިޔާއެވެ. އޭގެތެރެއިން މިދިޔަ ދެ ކުއާޓަރުގެ ތެރޭގައި ހަރަދުކޮށްފައި ވަނީ 5.2 މިލިއަން ރުފިޔާއެވެ.
އެމްއެންޑީއެފުން އެންމެ ގިނައިން ހަރަދުކޮށްފައި ވަނީ ކޮވިޑާ ގުޅިގެން ހިންގި އޮޕަރޭޝަންތަކުގައި ކަނޑު އުޅަނދު ފަހަރަށް ތެޔޮ އެޅުމުގެ ހަރަދެވެ. އެ ހަރަދަށް 3.22 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އެއަށް ފަހު މަރާމަތު ކުރުމާއި ބެލެހެއްޓުމުގެ ހަރަދަށް 1 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި ކޮވިޑް-19 އާ ގުޅޭ އޮޕަރޭޝަންގައި ބައިވެރިވާ ސިފައިން ތިބި މަރުކަޒުތަކަށް ބޭނުންވާ ސަޕްލައިޒް އަށް 638،009 ރުފިޔާ އާއި ސިފައިން ތިބި މަރުކަޒުތަކަށް ހޯދުނު ހަރުމުދަލަށް 310،786 ރުފިޔާ އަދި ޮވިޑް-19 އާ ގުޅޭ ގޮތުން ހޯދުނު ޚިދުމަތްތަކުގެ ހަރަދަށް 26،500 ރުފިޔާ ހަރަދުކޮށްފައި ވެއެވެ.