ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް ޑްރެގާ ބްރޭންޑުގެ ވެންޓިލޭޓަރު ގެންނަން ހަވާލުކުރީ، ރާއްޖެގައި ޑްރެގާގެ އޯތޮރައިޒްޑް ޑިސްޓްރިބިއުޓަރެއް ހުއްޓައި ކަމަށް އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގް އިން ބުނެފިއެވެ.

ވެންޓިލޭޓަރުގެ މައްސަލައާ ގުޅިގެން އޭޑީކޭ ޓްރޭޑް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ކުންފުންޏަކީ ޑްރެގާގެ އޯތޮރައިޒްޑް ޑިސްޓްރިބިއުޓަރު ކަމަށާއި އަދި ރާއްޖޭގައި ޑިސްޓްރިބިއުޓަރެއް ހުއްޓައި ޑިސްޓްރިބިއުޓަރު ބައިޕާސް (ޑިސްޓްރިބުޓަރާ ނުބައްސާ) ކުރުމަށް ފަހު ތިންވަނަ ފަރާތެއްގެ އަތުން ހޯދުމަކީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ ހިލާފު ކަމެއް ކަމަށެވެ.

އަދި ޑަބްލިއުއެޗްއޯއިން ބުނެގެން ކަމަށް ބުނެ ދުބާއީގެ ކުންފުންޏަށް ނުލާހިކު ބޮޑު އަގުގައި ވެންޓިލޭޓަރަށް ފައިސާ ދައްކާފައިވާ ކަން ވެސް އެނގެން އެބަ އޮތް ކަމަށް އެ ފަރާތުން ބުނެއެވެ.

"މި ކުންފުންޏަކީ ޑްރެގާގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރުކަން އެނގޭހިނދު، އަދި ކަންޓްރީ ޑިސްޓްރިބިއުޓަރ ހުއްޓައި ޑިސްޓްރިބިއުޓަރބައިޕާސްކުރުމަށްފަހު މިފަދަ ލައިފްސޭވިންގ ތަކެތި ތިންވަނަ ފަރާތެއްގެ އަތުން ހޯދުމަކީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާއި ޚިލާފުކަމެއްކަމަށް ވާހިނދު، ޑަބްލިއުއެޗްއޯ އިން ބުނެގެން ކަމަށްބުނެ ޑުބާއީގެ ކުންފުންޏަކުން ނުލާހިކު ބޮޑު އަގުގައި 32500 ޑޮލަރަށް ވެންޓިލޭޓަރެއްގެ މަގުން 75 ޑްރެގާ ވެންޓިލޭޓަރު ގަތުމަށް 90 ޕަސެންޓް އެޑްވާންސަށްވާ ފައިސާ ފޯރުކޮށްދީފައިވާކަން އެނގެން އެބައޮތެ"
އޭޑީކޭ ޖެނެރަލް ޓްރޭޑިން

އެގޮތުން 32500 ޑޮލަރަށް ވެންޓިލޭޓަރެއްގެ މަގުން 75 ވެންޓިލޭޓަރު ގަތުމަށް އެޑްވާންސްކޮށް 90 ޕަސެންޓް ފައިސާ ދައްކާފައި ވާކަން އެނގެން އެބަ އޮތް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. ނަމަވެސް އެ ކުންފުންޏާއެކު ކުރިން ކުރި މުއާމަލާތެއްގައި ޑްރެގާގެ އޮކްސިލޮގް ވެންޓިލޭޓަރެއް 15000 ޑޮލަރަށް އަދި ހައި އެންޑް އައި.ސީ.ޔޫ އެންޑް އެންބިއުލޭޓަރީ ވެންޓިލޭޓަރެއް 20500 ޑޮލަރަށް ލިބިދާނެ ކަމަށް އަގު ދީފައިވާނެ ކަމަށް އެ ފަރާތުން ބުނެއެވެ.

އޭޑީކޭ ޓްރޭޑުން ބުނީ ކޮވިޑް 19 ގެ ބަލިމަޑުކަމާ ކުރިމަތިލުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ރައީސް އޮފީހުން އެކުލަވައިލި އެގްޒެކެޓިވް ސްޓިއަރިން ކޮމެޓީގެ މެންބަރަކު، ނުރަސްމީކޮށް މިދިޔަ މާޗް މަހުގެ 15 ވަނަ ދުވަހު، އެ ކުންފުނީގެ އިސްވެރިއެއްގެ އަރިހުން ޑްރެގާ ވެންޓިލޭޓަރު ފޯރުކޮށް ދެވޭނެ އަގު އޮޅުން ފިލުވާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ބޭފުޅެއް ކަމެއް އެ ފަރާތުން ހާމަކޮށްފައެއް ނުވެއެވެ.

ޑްރެގާ ވެންޓިލޭޓަރަކީ މި ވަގުތު ވަރަށް ޑިމާންޑް ބޮޑު ބްރޭންޑަކަށް ވެފައި ސަޕްލައި ކުރުމުގައި "ޕްރޮޑަކްޝަން ބޮޓްލްނެކް" ތަކެއް ހުރިކަން ޑްރެގާގެ މައި ކުންފުނިން އެ ކުންފުންޏަށް އަންގާފައިވާ ކަމަށް އޭޑީކޭ ޓްރޭޑް އިން ބުނެއެވެ. އެހެން ކަމުން އަވަސް މުއްދަތެއްގެ ތެރޭގައި ސަޕްލައި ކޮށްދެވޭނެތޯ ބުނަން އެނގޭނީ ޑްރެގާގެ މައި ކުންފުނިން ސްޕެސިފިކޭޝަން ވެރިފައި ކޮށްފައި ކަމަށް މައުލޫމާތު ހިއްސާ ކޮށްފައި ވާނެ ކަމަށް އޭޑީކޭ ޓްރޭޑުން ބުނެއެވެ.

ހަމައެއާއެކު ޔޫރަޕިއަން ސްޓޭންޑަޑް ތަކަށް ފެތޭ، ކޮވިޑްގެ ހާލަތަށް އެކަށޭނަ ސީ.އީ ސެޓިފިކޭޝަންގެ ދެ ބްރޭންޑެއްގެ ވެންޓިލޭޓަރު 5500 ޑޮލަރާއި 6200 ޑޮލަރާ ދެމެދުގެ އަގެއްގައި، 4 ހަފްތާ ތެރޭގައި ސަޕްލައި ކޮށްދެވިދާނެ ކަމުގައި ބުނެފައި ވާނެ ކަމަށް ވެސް އޭޑީކޭ ޓްރޭޑުން ބުނެއެވެ. ނަމަވެސް އޭގެ ފަހުން ރަސްމީކޮށް ނުވަތަ ނުރަސްމީކޮށް ވެސް އިތުރު އެއްވެސް ފަރާތަކުން މައުލޫމާތު ސާފުކޮށްފައި ނުވާ ކަމަށް އޭޑީކޭ ޓްރޭޑުން ބުނެއެވެ.

އޮޑިޓް ރިޕޯޓުން ކޮރަޕްޝަންގެ ގިނަ އަމަލުތަކެއް ފެންމަތި ވެފައި ވާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ހެލްތް މިނިސްޓްރީގެ ގިނަ ބަޔަކު ގޭގައި މަޑުކުރަން އަންގަވާފައެވެ. އެގޮތުން ހެލްތް މިނިސްޓްރީގެ ބިޑް ކޮމިޓީއާއި ފައިނޭންޝަލް އެގްޒެކެޓިވްގެ އިތުރުން އެގްރީމަންޓްގައި ސޮއި ކުރި ފަރާތްވެސް ގޭގައި މަޑުކުރުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވެސް ވަނީ އަމިއްލައަށް މަސައްކަތުން އެކަހެރިވެ ވަޑައިގަތުމަށް ނިންމަވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުއްވާފައެވެ.

ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ހަވާލުކުރި އިރު ސަރުކާރުން ވަނީ މިކަމަށް 30 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އެ ވެންޓިލޭޓަރުތަކުގެ ޖުމްލަ އަގަކީ 34 މިލިއަން ރުފިޔާއެވެ. ވެންޓިލޭޓަރުތަކުގެ އަގުން 90 ޕަސަންޓު ފައިސާ ދައްކާފައިވީ ނަމަވެސް މިހާތަނަށް ރާއްޖެ ގެނެސްފައި ވަނީ 10 ވެންޓިލޭޓަރެވެ. ނަމަވެސް، ރާއްޖެ ގެނައި 10 ވެންޓިލޭޓަރު ހެލްތު މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑަށް ނުފެތޭތީ އެ ތަކެތި މިހާތަނަށް މިނިސްޓްރީން ބަލައިގެންފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.