ދުނިޔޭގެ އެންމެ ބައިބޯ ޖަލުގެ ގޮތުގައި ސިފަކުރަމުން އަންނަ ފަލަސްތީނުގެ ގައްޒާއަށް އަމާޒުކޮށް، އިސްރާއީލުން ރޭވެސް، ވައިގެ މަގުން ހަމަލާތަކެއް ދީފިއެވެ.

އަލިފާން ފުއްޕާހަން ބޭނުންކޮށްގެން ފަލަސްތީނުން އިސްރާއީލަށް ހަމަލާ ދޭ ކަމަށް ބުނެ، އޭގެ ރައްދު ހަމަލާގެ ގޮތުގައި އިސްރާއީލުން މެދު ނުކެނޑި، ގައްޒާއަށް ހަމަލާދޭތާ ހަފުތާއެއްވީއެވެ.

އިސްރާއީލު އަސްކަރިއްޔާއިން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ ހަމަލާ ދީފައިވަނީ ހަމާސް ޖަމާއަތުން ބިންގަރާހުގެ ގޮތުގައި އޮޕަރޭޓްކުރާ ތަންތަނަށެވެ. ހަމާސްއަކީ ގައްޒާ ކޮންޓްރޯލް ކުރަމުންދާ ޖަމާއަތެވެ.

ހަމާސް ޖަމާއަތުން ބުނީ އިސްރާއީލުގެ އާންމު ނަފުރަތުގެ ރޫހުގައި ގައްޒާއަށް ދެމުންދިޔަ ހަމަލާތައް ދަންވަރުގެ ވަގުތަކަށް ފަހުވެސް ދެމިގެންދިޔަ ކަމަށެވެ. ނަމަވެސް މި ހަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާކަމަށްވެސް ހަމާސް ޖަމާއަތުގެ މަސްދަރަކުން ވަނީ ބުނެފައެވެ.

އިސްރާއީލަށް ހަމަލާ ދޭ ކަމަށް ބުނެ، އިސްރާއީލުން ވަނީ ގައްޒާގެ ތެލުގެ ސަޕްލައިއަށްވެސް ހުރަސް އަޅާފައެވެ. ގާތްގަނޑަކަށް 2 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮތް ގައްޒާއަށް މިހާރުވެސް ކަރަންޓުގެ ހިދުމަތް ލިބެނީ ދުވާލަކު 4 ވަރަކަށް ގަޑިއިރަށް ކަމަށް ވާއިރު، ގައްޒާގައި މިހާރު އޮޕަރޭޓް ކުރަމުންދާ އިންޖީނުގެ ބަންދު ކުރުމަށްވެސް ވަނީ މަޖުބޫރުވެފައެވެ.