ނަފުރަތު އުފެދޭ ގޮތަށް ވާހަކަ ދެއްކުމާ، ހަމަނުޖެހުމާ ފިތުނަ ފަސާދަ އުފެދޭ ގޮތަށް ވާހަކަ ދެއްކުމުގެ ފުރުސަތެއް އެ ޕްލެޓްފޯމްގައި ނޯންނާނެ ކަމަށާ، މި ސިޔާސަތުތައް ތަންފީޒު ކުރުމުގައި ވަކި މީހެއްގެ ސިޔާސީ ހައިސިއްޔަތު ނުވަތަ ފިކުރަކަށްވެސް ބެލުމެއް ނޯންނާނެ ކަމަށް ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ޕްލެޓްފޯމުގެ ގޮތުގައި ސިފަކުރަމުން އަންނަ ފޭސްބުކް އިން ހާމަކޮށްފިއެވެ.

ފޭސްބުކްގެ ތަރުޖަމާނަކު މިއަދު ވިދާޅުވީ، ކުންފުނީގެ ސިޔަސަތުތައް ތަންފީޒު ކުރުމުގައި ކުރިއެރުންތަކެއް ހޯދެމުން އަންނަ ކަމަށާ، ޕްލެޓްފޯމު މެދުވެރިކޮށް ފޯރުކުރެވެމުންދަނީ ސައްހަ އަދި އިންސާފުވެރި މައުލޫމާތު ކަން ކަށަވަރު ކުރުމަށް، ގަވައިދުން އޮޑިޓްތައްވެސް ހެދެމުންދ ދާ ކަމަށެވެ.

ފޭސްބުކް ކުންފުނިން މިފަދަ ރޫހެއްގައި ވާހަކަ ދައްކާފައި މިވަނީ، އިންޑިއާގެ ވެރިކަން ކުރަމުން އަންނަ ބީޖޭޕީގެ ސިޔާސީ ޝަހްސުންނާ ދެކޮޅަށް އެފްބީގެ ސިޔާސަތުތައް ތަންފީޒު ނުކޮށް ދޫކޮށްލާފައިވާކަމަށް ތުހުމަތުކޮށް، ވޯލް ސްޓްރީޓް ޖާނަލްގައި ޝައިއު ކޮށްފައިވާ ރިޕޯޓަކަށް ރައްދު ދެމުން ކަމަށް އިންޑިއާ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.

އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ ވަނީ، ރިޕޯޓް ފައިދާ ހިއްޕަވާ، ބީޖޭޕީއިން ނަގަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އެގޮތުން ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ފަރާތްތަކަށް ނުފޫޒު ފޯރުވުމަށް ބީޖޭޕީއިން ފޭސްބުކްއާއި ވަޓްސްއެޕް މެދުވެރިކޮށް ދޮގު ޚަބަރު ފަތުރަމުންދާކަމަށްވެސް ގާންދީ ވަނީ ސިފަކުރައްވާފައެވެ.

ރިޕޯޓްގައި ބަޔާންކޮށްފައިވާ ކަންކަމަކީ އިންޑިއާގެ ޑިމޮކްރަސީގެ ބިންގަލަށް އޮތް ނުރައްކަލެއް ކަމަށާ، އެއީ ޖޮއިންޓް ޕާލަމެންޓްރީ ކޮމިޓީ (ޖޭޕީސީ) އިން ތަހުގީގު ކުރަންޖެހޭނެ ކަންތައްތަކެއް ކަމަށްވެސް ކޮންގްރެސްގެ ލީޑަރު ވަނީ ގޮވާލައްވާފައެވެ.

އިންޑިއާގެ ޔޫނިއަން އައިޓީ މިނިސްޓަރު ރަވީ ޝަންކަރު ޕްރަސާދު ވިދާޅުވީ ގާންދީގެ ވާހަކަތަކަކީ ނާކާމިޔާބީއާއި ކުރިމަތިލާންޖެހިފައިވާ މީހެއްގެ "ކެކުޅުންތަކެއް" ކަމަށެވެ.

ކަން މިހެން އޮތް އިރު، ފޭސްބުކްގެ ޑައިރެކްޓާ އޮފް ޕަބްލިކް-ޕޮލިސީ ފޮ އިންޑިއާ، ސައުތު އެންޑް ސެންޓަރަލް އޭޝިއާ އަންކީ ދާސް ވަނީ، ދެއްލީ ޕޮލީސްގެ ސައިބާ ސެލް ޔުނިޓަށް ޝަކުވާ ހުށަހަޅުއްވާފައެވެ. އަންކާ ދާސް ހުށަހެޅުއްވި ޝަކުވާތައް އަމާޒުވަނީ، ފުރާނައަށް ނުރައްކާވާ ޒާތުގެ އިންޒާރުތައް ސޯޝަލް މީޑިއާ ޕްލެޓްފޯމުގައި އާންމު ކުރި ފަރާތްތަކަށެވެ.