ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ތެޔޮ ލީކްވުމުގެ ހާދިސާއެއް ހިނގައިފި ހާލަތެއްގައި ތިމާވެއްޓަށް ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށް ބޭނުންވާ އާލާތްތައް ޖަޕާނުން ހަދިޔާކޮށްފިއެވެ.

މިއަދު ހެނދުނު ޖަޕާން ސަރުކާރުގެ ފަރާތުން އެތަކެތި ދިވެހި ސަރުކާރާ ހަވާލުކޮށްފައި ވާއިރު އެ ތަކެއްޗާ ރާއްޖޭގެެ ފަރާތުން ހަވާލުވެ ވަޑައިގަތީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.

ޖަޕާނުން ވެދެއްވި އެހީތެރިކަމަށްޓަކައި އެގައުމުގެ ހާރިޖީ ވަޒީރަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ފޮރިން މިނިސްޓްރީން ބުނީ 43.3 މިލިއަން ރުފިޔާގެ ތަކެތި ޖަޕާނުން ރާއްޖެއަށް ހަދިޔާކުރުމުގެ އެއްބަސްވުމުގެ އެކްސްޗޭންޖް އޮފް ނޯޓްސްގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކަމަށެވެ. އަދި ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ އޭރު ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ސަފީރު ކަޒޫމީ އެންޑޯ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެރަސްމިއްޔާތުގައި އޭރު ރާއްޖެއަށް ވަޑައިގެން އުޅުއްވި ޖަޕާނުގެ ބޮޑުވަޒީރުގެ ހާއްސަ މުޝީރު ކެންޓާރޯ ސެނައޯރާވެސް ބައިވެރިވެވަޑައިގަތެވެ.