ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ދިނުމަށް އެސާވިސް އަށް އަމުރު ކޮށްފައެއް ނުވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

ރައީސް ޔާމިން ވަކީލުންނާ އެކަހެރި ބައްދަލުކުރުމުގެ ފުރުސަތު ދިނުމަށް ކަރެކްޝަނުގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ބުނެފައި ވަނީ ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމުގައެވެ. އަދި ދައުލަތުގެ ވަކީލުން ވަނީ، ރައީސް ޔާމީނާ ވަކީލުންނަށް ބައްދަލުކުރެވޭނެ އިންތިޒާމް މިއަދު މެންދުރު 2:00 ގައި ހަމަޖެހިފައިވާ ކަމަށް ކަރެކްޝަންސްއާ ހަވާލާދީ ބުނެފައެވެ.

އެކަމާ ގުޅިގެން ކަރެކްޝަނުން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޔާމިން ވަކީލުންނާ ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އެ ސަވިސްގެ މައްޗަށް މިހާތަނަށް އެއްވެސް ކޯޓަކުން އަމުރުކޮށްފައިނުވާ ކަމަށެވެ. އެހެން ނަމަވެސް، ވަކީލުންގެ ފަރާތުން ހޯދަން ޖެހޭ އެހީތެރިކަން ހޯދުމަށް ރައީސް ޔާމީންގެ ވަކީލުންނާއި އެކަހެރިކޮށް ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ކްރިމިނަލް ކޯޓުން އެދިފައިވާ ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.

ކަރެކްޝަނުން ބުނީ މީގެ ކުރިންވެސް ބައްދަލުވުން ހަމަޖައްސައިދީ ޖަލަށް ވަޑައިގަތުމުން، ބައްދަލުކުރޭވެނެ ކަމަށް އެފަރާތުގެ ގާނޫނީ ވަކީލުންނައް އަންގާފައިވާނެ ކަމަށެވެ.

ކަރެކްޝަނުން އިތުރަށް ބުނީ އެސާވިސްއިން ބައްދަލުވުމަށް ހުރަސް އަޅާކަމަށާއި ކްރިމިނަލް ކޯޓުން އެސާވިސްގެ މައްޗަށް އަމުރުކުރިކަމަށް ބުނެ، ހަގީގަތް އޮޅޭ ފަދަ ގޮތަކަށް މައުލޫމާތު ފެތުރުމަކީ، އެކަމާ ކަންބޮޑުވާކަމެއް ކަމަށެވެ.

ރައީސް ޔާމީނާ ވަކީލުންނާ ބައްދަލު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިނުދޭ މައްސަލަ ބޮޑުވެފައިވާއިރު، އެކަން ހަމަނުޖެހިގެން އުޅެނީ ވަކީލުމް، ރައީށް ޔާމީނާ އެކަހެރި ބައްދަލުވުމެއް ބޭނުންވާތީއެވެ. އަދި ކޮވިޑްގެ މިހާލަތުގައި ރަށްރަށަށް ދަތުރުކުރުމުގައި ވެސް ގިނަ ގޮންޖެހުންތަކެއް ހުރުމާއެކު، ކަރެކްޝަނުން ގައިދީންނާ ވަކީލު ބައްދަލުވުން އިންތިޒާމް ކޮށްދެނީ ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށެވެ. އެކަހެރި ބައްދަލުވުން ބޭނުންވާ ފަރާތްތަކުން މާފުއްޓަށް ދިއުމަށް ހޯދަން ޖެހޭ ހުއްދަތައް ހޯދަން ޖެހެނީ އެ ފަރާތްތަކުން އަމިއްލައަށެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ މިދިޔަ ނޮވެމްބަރު މަހުއެވެ. އެގޮތުން، އެމަނިކުފާނުގެ މައްޗަށް 5 އަހަަރުގެ ދުވަހުގެ ޖަލު ހުކުމެއް އިއްވުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

މިދިޔަ އަންގާރަ ދުވަހު އެޓާނީ ޖެނެރަލްގެ އޮފީސް ވަނީ ޔާމިން ޖޫރިމަނާކޮށްފައިވާ ފައިސާ މަދުވެގެން 6 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް އަންގާފައިވީ ނަމަވެސް އެ މުއްދަތުގެތެރޭގައި ޔާމީންގެ ފަރާތުން އެ ފައިސާ ދައްކާފަި ނުވާ ކަމަށް ބުނެފައެވެ.

އެގޮތުން ޔާމީން ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ހޯދުމަށްޓަކައި، އެ މައްސަލައިގެ އެންމެހައި ލިޔެކިޔުންތައް މީރާއަށް މިދިޔަ އަންގާރަ ދުވަހު ފޮނުވާފައިވާނެ ކަމަށް އެޓާނީ ޖެނަރަލް އޮފީހުން ބުނެއެވެ.