ފުރަބަންދުގައި އދ. މާމިގިލީގައި ކަރަންޓީންގައި ހުރި ކުޑަކުއްޖަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ) އިން ބުނީ މާލެއިން އދ. މާމިގިއްޔަށް ގޮސް ކަރަންޓީންގައި ތިބި މީހުން ދޫކޮށްލުމަށް ހެދި ޓެސްޓުގެ ތެރެއިން ކުޑަ ކުއްޖަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެ ރަށުން ޕޮޒިޓިވް ވެފައި ވަނީ އުމުރުން 6 އަހަރުގެ އަންހެން ކުއްޖެއް ކަމަށް އެޗްއީއޯސީން ބުނެއެވެ.

ފުރަބަންދުގައި ތިބި މީހުންގެ ތެރެއިން މާމިގިލިން ކުޑަކުއްޖަކު ޕޮޒިޓިވް ވެފައި ވާ އިރު ފ. ނިލަންދޫއިން ވެސް ވަނީ ކުޑަކުއްޖަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. ނިލަންދޫއިން ޕޮޒިޓިވް ވެފައި ވަނީ އުމުރުން 4 އަހަރުގެ ކުޑަ ފިރިހެން ކުއްޖެއް ކަމަށް އެޗްއީއޯސީން ބުނެއެވެ. އަދި އެ ކުއްޖާއަކީވެސް ފުރަބަންދުން ދޫކޮށްލުމަށް ހެދި ޓެސްޓުގެ ނަތީޖާއިން ޕޮޒިޓިވްކަން އެނގިފައިވާ ކުއްޖެކެވެ.

ފުރަބަންދުގައި ތިބި މީހުންގެ ތެރެއިން ހެދި ޓެސްޓުން ޕޮޒިޓިވް ވި މީހުންގެ މައުލޫމާތު މިއަދު އެޗްއީއޯސިން ހާމަކޮށްފައި ވާއިރު އޭގެތެރޭގައި 2 ކުޑަކުދިންގެ އިތުރުން 3 މީހުން ހިމެނެއެވެ. އެއީ ނ. މިލަދޫއިން ޕޮޒިޓިވްވި އުމުރުން 22 އަހަރުގެ އަންހެނަކާއި ކ. ހިންމަފުށިން ޕޮޒިޓިވްވި 29 އަހަރުގެ ފިރިހެނަކާއި، ރ. ހުޅުދުއްފާރުން ޕޮޒިޓިވްވި 44 އަހަރުގެ ފިރިހެނެކެވެ.

މީގެ އިތުރުން ރޭގެ ވަގުތެއްގައި ހުޅުދުއްފާރުން 44 އަހަރުގެ އަންހެނަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައި ކަމަށް އެޗްއީއޯސީން ބުނެއެވެ.