ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ހަތަރު ވަނަ މެޗުގައި ރޭ އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީއާ ފަރަންސޭސި ޓީމު ލިޔޯން ބައްދަލުކުރި މެޗު 1-3 އަކުން ލިޔޯން ކާމިޔާބުކޮށް މުބާރާތުގެ ސެމީއަށް ދަތުރުކޮށްފިއެވެ.
ރޭގެ މެޗުގެ ފުރަތަމަ ލަނޑު ޖެހީ ވެސް ލިޔޯނުންނެވެ. މެޗުގެ 24 ވަނަ މިނެޓްގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މެކްސްވެލް ކޯނެޓްއެވެ. އެއަށް ފަހު ދެ ޓީމުން ވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ހޯދި ނަމަވެސް ފުރަތަމަ ހާފްގައި އިތުރު ލަނޑެއް ފެނިފައެއް ނުވެއެވެ.
1-1 އަކަށް ސްކޯ ހަދާ ސިޓީއަށް އެއްވަރުކޮށްދިން ލަނޑު ޖަހާ ދިނީ އެޓީމުގެ ކުޅަދާނަ މިޑްފީލްޑަރު ކެވިން ޑެބްރައިނާއެވެ. މެޗުގެ 69 ވަނަ މިނެޓްގައި އޭނާ މިލަނޑު ކާމިޔާބުކޮށް ދިންތާ ދިހަ މިނެޓް ފަހުން 79 ވަނަ މިނެޓްގައި ލިޔޯންގެ މޫސަ ޑެމްބެލޭ ލަނޑެއް ޖަހާ ސްކޯ 1-2 އަކަށް ހެދިއެވެ. މި ލަނޑު ޖެހުމުގެ ކުރިން އޭނާ ފައުލެއް ކުރިތަން ރީޕްލޭއިން ވެސް ފެންނަ އިރު މި ލަނޑު ރަނގަޅު ކަމަށް މެޗުގެ ރެފްރީ ވެސް އަދި ވީޑިއޯ އެސިސްޓަންޓް ރެފްރީ ވެސް ވަނީ ނިންމާފައެވެ.
މެޗުގެ ބާކީ އޮތް ވަގުތު ކޮޅުގައި ސިޓީއިން ލަނޑު ޖެހުމަށް ގިނަ ފުރުސަތު ތަކެއް އުފެއްދި އިރު ހުސް ގޯލަކަށް ލަނޑު ޖަހަން ލިބުނު ފުރުސަތު އެޓީމުގެ ހުނަރުވެރި ފޯވަޑް ރަހީމް ސްޓާލިންގް ނަގާލިތާ މާ ގިނައިރު ތަކެއް ނުވެ ލިޔޯންއިން އަނެއްކާވެސް ލަނޑެއް ޖަހާ 1-3 އަކަށް ސްކޯ ހެދިއެވެ.
މި ލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށް ދިން ޑެމްބެލޭއަށް ވަނީ މެޗުގެ މޭން އޮފް ދަ މެޗް ކަން ލިބިފައެވެ.
ރޭގެ މެޗުން މޮޅުވި ލިޔޯން ސެމީގައި ވާދަ ކުރަން ޖެހޭނީ ކުއާޓާ ފައިނަލް ތިން ވަނަ މެޗުގައި ބާސަލޯނާ 8-2 އަކުން ބަލިކުރި ޖަރުމަނުގެ ބަޔާން މިއުނިކްއާއެވެ.
ސެމީގެ އަނެއް ކޮޅުގައި ވެސް އޮތީ ފަރަންސޭސިވިލާތާ ޖަރުމަނުވިލާތުގެ ދެ ޓީމެވެ. އެ މެޗުގައި ވާދަ ކުރާނީ ޕީއެސްޖީއާ އާރްބީ ލިޕްޒިގްއެވެ. އެމެޗު އޮންނާނީި މިމަހުގެ 18 ވަނަ ދުވަހުއެވެ. ބަޔާންއާ ލިޔޯން ކުޅޭ ސެމީ ފައިނަލް މެޗު އޮންނާނީ މިމަހުގެ 19 ވަނަ ދުވަހު އެވެ.