ރ. އަލިފުށީގައި އަންހެނެއްގެ އަނގަޔަށް ލައްފިލުވާ އެޅި، މީހާގެ މައްޗަށް ގަސްދުގައި މީހަކު މަރަން އުޅުން ކަމުގެ ދައުވާ އުފުލައިފިއެވެ.

ޕީޖީ އޮފީހުން ބުނީ އެ މައްސަލައާ ގުޅިގެން ދައުވާ އުފުލާފައި ވަނީ ރ. އަލުފުށި، ކަސްތޫރިގެ، އަލީ އަމީންގެ މައްޗަށް ކަމަށެވެ. އޭނާގެ މައްޗަށް ކުރާ ދައުވާއަކީ ގަސްދުގައި މީހަކު މަރަން އުޅުނުކަމުގެ ދައުވާ އާއި އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާގެ އިތުރުން އަނިޔާ ދިނުމުގެ ދައުވާއެވެ.

އަދި އެ ދައުވާ އުފުލާއި، ކޯޓަށް މިހާރު ވަނީ މައްސަލަ ހުށަހަޅާފައި ކަމަށްވެސް ޕީޖީން ބުނެއެވެ.

މިދިޔަ މަހުގެ ދެވަނަ ދުވަހު ހިނގާފައިވާ އެހާދިސާއާ ގުޅިގެން ފުލުހުން ވަނީ 32 އަހަރުގެ އަލީ އަމީން ހައްޔަރުކޮށްފައެވެ. އަދި މައްސަލަ ހުށަހެޅުމުން އަންހެން މީހާ އަށް ފަރުވާ ދިނުމަށް ސިއްހީ މަރުކަޒަށްވެސް ވަނީ ގެންގޮސްފައެވެ. އަނގަޔަށް ލައްފިލުވާ އެޅި ނަމަވެސް ހަށިގަނޑުގެ އެތެރެއަށް ލައްފިލުވާ ނުދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ އަނގަޔަށް ލައްފިލުވާ އެޅީ އަންހެން މީހާ ނަމާދަށް ހުއްޓާ އޭނާ ދިރިއުޅެމުންދާ ގެއަށް ވަދެއެވެ. ބައެއް މީޑިއާތަކުގައި ބުނެފައިވާ ގޮތުން އެކަން ކުރީ އޭނާގެ ކުރީގެ ފިރިމީހާއެވެ.

އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު، މޭ މަހުގެ ފަހުކޮޅާއި ޖޫން މަހުގެ ކުރީކޮޅު ގެވެށި އަނިޔާ އިތުރު ވެފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފައެވެ.