އިންޑިއާގެ އިސްތިގުލާލަކީ އެ ގައުމުން އެންމެ ހާއްސަ ސަމާލުކަމެއް ދޭން ކަންތައް ކަމަށާ، ލައިން އޮފް ކޮންޓްރޯލް (އެލްއޯސީ) އާއި ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް (އެލްއޭސީ) އިން ކަމުގައި ވީ ނަމަވެސް، މި އިސްތިގުލާލަށް ހުރަސް އެޅޭ ކޮންމެ ފަހަރަކު، އެކަމަކާ ދެކޮޅަށް އިންޑިއާގެ އަސްކަރިއްޔާއިން ދިފާއަށް ތެދުވެފައި ވާނެ ކަމަށް، އެގައުމުގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަ ކުރަމުންދާ އިންޑިއާގެ 74 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވާ، ދެއްވި 84 މިނެޓްގެ ދިގު ތަގުރީރުގައި މޯދީ ވަނީ އިންޑިއާގެ މިނިވަން ކަމުގެ ރޭހުގައި ފުރާނަ ދުއްވާލި ބަތޮލުންނާ، އަދުއްވުގެ ކިބައިން ގައުމު ހިމާޔަތް ކޮށްފައި ބޭއްވުމަށް ކޮންމެ ދުވަހަކުވެސް ބުރަ މަސައްކަތްތަކެއް ކުރަމުންދާ ސަލާމަތީ ބާރުތަކުގެ ވާހަކަ ފާހަގަކުރައްވާފައެވެ.
އިންޑިއާއާއި ޗައިނާ ހިއްސާކުރާ ބޯޑަރު ސަރަހައްދު (އެލްއޭސީ) އާއި އިންޑިއާއާއި ޕާކިސްތާނު ހިއްސާކުރާ ބޯޑަރު ސަރަހައްދު ( އެލްއޯސީ) އިން އިންޑިއާގެ އިސްތިގުލާލަށް ގޮންޖެހުން ކުރިމަތި ކުރުވިއިރު، މިއިން ކޮންމެ ގޮންޖެހުމަކާ އިންޑިއާގެ އަސްކަރިއްޔާއިން ކުރިމަތިލާފައިވަނީ، އެ ބަޔަކަށް ފަހުންވާނެ ފަދަ ރޫހެއްގައި ކަމަށްވެސް މޯދީ ވަނީ ވިދާޅުވެފައެވެ.
އިންޑިއާގެ ޒަމާންވީ އަދުވުންގެ ގޮތުގައި އެ ގައުމުން ބަލަމުން އަންނަ ޗައިނާއާއި ޕާކިސްތާނަށް ބަހުގެ ވަރުގަދަ ހަމަލާތަކެއް މޯދީ ދެއްވީ، ދެ ގައުމު ކުރެ ގައުމެއްގެ ނަންވެސް ބަޔާން ކުރެއްވުމަކާ ނުލައެވެ.
މިނިވަން ދުވަހުގެ ތަގުރީރު ކުރިއަށް ގެންދަވަމުން މޯދީ ވިދާޅުވީ، އަވަށްޓެރިންނާ ގުޅުން ބަދަހި ކުރުމަށް އެ ގައުމުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެއްގަމާ ކަނޑުގެ ގޮތުން ގުޅިފައިވާ ގައުމުތަކާއެކުގައިވެސް މި ގުޅުން ދަމަހައްޓާ، ސަލާމަތާ، ތަރައްގީ އަދި އިތުބާރު ބިނާ ކުރުމުގެ ރޮނގުން ގުޅުން ބަދަހި ކުރުމަށް އިންޑިއާއިން މަސައްކަތްތަކެއް ކުރަމުން އަންނަ ކަން މޯދީ ވަނީ ފާހަގަކުރައްވާފައެވެ.
އަވަށްޓެރިންނަކީ ޖިއޯގްރަފީ ގޮތުން ގުޅިފައިވާ ގައުމުތައް އެކަނި ނޫން ކަމަށާ، އެއީ ހިތާހިތުގެ ގުޅުމުން ގުޅިފައިވާ ބައެއްކަންވެސް މޯދީ ވަނީ ފާހަގަކުރައްވާފައެވެ.
ދުނިޔޭގެ އާބާދީގެ 4 ބައިކުޅަ 1 ބައި ހިއްސާކުރަނީ ދެކުނު އޭޝިއާ ސަރަހައްދުކަން ފާހަގަކުރައްވަމުން މޯދީ ވިދާޅުވީ، މިހާތަނަށް ބަޔާން ކުރެވިފައި ނުވާ ގިނަ ފުރުސަތުތަކެއް އެބަހުރި ކަމަށެވެ.
އިންޑިއާގެ މިނިވަން ދުވަހާ ގުޅިގެން ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގެ އިސް ލީޑަރުންވެސް ގެންދަވަނީ ދުވަހުގެ ތަހާނީއާއި މުބާރަކްބާދު ފޮނުވަމުންނެވެ.
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑިމޮކްރަސީގެ އުސްލޫބާ، ދުނިޔޭގެ ސުލްހައާއި ކުރިއެރުމަށް އިންޑިއާއިން ދެމުންދާ އެހީއަކީ މުޅި ދުނިޔެއަށްވެސް އަލިކަމުގެ ދަންމަރެއް ކަމަށެވެ.
އިންޑިއާއާއި ބަދަހި ގުޅުމެއް ގެންގުޅުއްވާ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، އިންޑިއާއަކީ އަބަދުވެސް މިނިވަންކަމާ ޑިމޮކްރަސީގެ ބައެއް ކަމަށާ، އޯގަސްޓް މަހުގެ 15 ވަނަ ދުވަހަކީ އިންޑިއާގެ ރައްޔިތުންގެ އެ ފިކުރު ހަގީގަތަކަށް ވި ދުވަސް ކަމަށެވެ.
މީގެ އިތުރުން، ކުރީގެ ރައީސް މައްމޫން ޢަބްދުލްޤައްޔޫމް ވެސް ވަނީ އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބާއާ ގުޅިގެން، އެ ގައުމުގެ އަޚުވަންތައް ރައްޔިތުންނަށް ދުވަހުގެ ހެޔޮ އެދުންތައް ފޮނުއްވާފައެވެ.
މި ދަނޑިވަޅަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަން އިންޑިއާގައި ހަލުވިކަމާއެކު ފެތުރެމުންދާ ދަނޑިވަޅަކަށް ވާއިރު، އިންޑިއާގެ މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ އެހެން އަހަރުތަކާ ހިލާފަށް ވަރަށް ކުޑަ ގޮތަކަށެވެ.
އިންޑިޔާއިން މިނިވަންދުވަސް ފާހަގަ ކުރާއިރު އެހެން ޤައުމުތަކުގެ މިނިވަންކަމަށް އިހްތިރާމު ނުކޮށް މިސާލަކަށް ދިވެހިރާއްޖޭގަ ތިބި އަމިއްލަ އެދުމުން ފޯވެފަތިބި ޚާއިނުންތަ ކަކ ކާ ގުޅިގެން ދިވެހި ރާއްޖެ އަޅުވެތިކުރަމުން ދަނީ ހާދަ ގޮތެއްނެތް ނާތަހުޒީބު ޤައުމެއްވީމަ. އަދި ފަރުދީ މިނިވަންކަ ް ނަގާލާ ކަޝްމީތުގެ ރަޢްޔަތުންނަށް ކުރަމުންދާ އަނިޔާތަކާ ލާއިންސާނީ ޖަރީމާތަށް ބައިނަލައަޤުވާމީ މުޖުތަމަޢުތަކުން ހުއްޓުވަންޖެހޭ.