މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ތިން ވަނަ ޓައިގައި ބާސަލޯނާއާ ބަޔާންމިއުނިކް ބައްދަލުކުރި މެޗު 2-8 ގެ ހައިރާން ކުރުވަނިވި ނަތީޖާއަކުން ބަޔާން ކާމިޔާބުކޮށްފިއެވެ.
ރޭގެ މެޗުގައި ޖަރުމަނު ޗެމްޕިއަން ބަޔާންގެ ތަފާތު ހަ ކުޅުންތެރިއަކު ވަނީ ލަނޑު ޖަހާފައެވެ. މެޗުގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މެޗުގެ 4 ވަނަ މިނެޓްގައި ތަޖުރިބާކާރު ފޯވަޑް ތޯމަސް މުލާއެވެ. މެޗުގެ 7 ވަނަ މިނެޓްގައި ބަޔާންގެ އަލަބާ އަތުން ބައިކޮޅަށް ވަތް ލަނޑާއެކު ނަތީޖާ 1-1 ވިއެވެ.
އެހެން ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން އެޓީމުން އިތުރު 3 ލަނޑު ޖަހާ ސްކޯ 4-1 އަކަށް ހެދިއެވެ. މިގޮތުން މުލާގެ އިތުރު ލަނޑަކާއެކު ޕެރިސިޗް އަދި ނާބްރީ ވެސް ވަނީ ލަނޑުތަކެއް ކާމިޔާބުކޮށްދީފައެވެ. ފުރަތަމަ ހާފްގައި ބާސައަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތު ލިބުނެވެ. މިގޮތުން އެޓީމުގެ މެސީ ޖެހި ޝޮޓެއް ދަނޑިގައި ޖެހުނު އިރު ބަޔާންގެ ކީޕަރު ވެސް ވަނީ މުހިއްމު ސޭވްތަކެއް ކޮށްފައެވެ.
ދެވަނަ ހާފްގައި ބާސަލޯނާގެ ލުއިސް ސުއަރޭޒް ވަނީ ލަނޑެއް ޖަހާ ސްކޯ 2-4 އަކަށް ހެދިއެވެ. އަދި ބާސައިން ފަހަތުން އަރާ ސްކޯ ހަމަހަމަ ކުރާނެ ކަމަށް ބެލެވުނު ނަމަވެސް ދެން މެޗުގައި ފެނިގެން ދިޔަ 4 ލަނޑު ވެސް ޖެހީ ބަޔާންއިން ނެވެ.
މެޗުގެ 63 ވަނަ މިނެޓްގައި އެޓީމުގެ ޑިފެންޑަރު ކިމިޗް ޖަހާފައިވަނީ ހިތް ގައިމު ލަނޑެކެވެ. ބަޔާންގެ ކުޅަދާނަ ފޯވަޑް ލެވެންޑޮސްކީ ވެސް ރޭގެ މެޗުގައި ލަނޑެއް ޖެހި އިރު މިއީ އޭނާ މިސީޒަންގެ ޗެމްޕިއަންސް ލީގު މުބާރާތުގައި ޖެހި 14 ވަނަ ލަނޑެވެ.
ބާސަލޯނާގެ ރިހޭ ފައިމައްޗަށް ފޮއި ވެއްޓުނީ އެޓީމުން ލޯނަށް ބަޔާންއަށް ކުޅެމުންދާ ބްރެޒިލްގެ މިޑްފީލްޑަރު ފިލީޕޭ ކޮޓީނިއޯ ޖަހާ ދިން ދެލަނޑާއެކުއެވެ.
8-2 ގެ ނަތީޖާއިން ބާސަ މުބާރާތުން ކެޓުމުގެ ސަބަބުން އެޓީމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ. އަދި އަންނަ ސީޒަންގައި މެސީ އެހެން ޓީމަކަށް ބަދަލުވާނެ ކަމުގެ ވާހަކަތަކެއް ވެސް މިހާރު ދަނީ ދެކެވެމުންނެވެ.
ކޯވިޑް-19 ގެ ސަބަބުން މި ސީޒަންގައި ނޮކްއައުޓް މުބާރާތެއްގެ ގޮތުގައި ކުޅެމުންދާ ޗެމްޕިއަންސް ލީގުގެ ސެމީގައި ބަޔާން ބައްދަލުކުރަން ޖެހޭނީ މިރޭ މެންޗެސްޓާ ސިޓީއާ ފަރަންސޭސިވިލާތުގެ ލިޔޯން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.
ފަރަންސޭސި ޓީމު ޕީ.އެސް.ޖީއާ ޖަރުމަނުވިލާތުގެ އާރްބީ ލިއެބްޒިގް ވަނީ ސެމީއަށް ދަތުރުކޮށްފައެވެ.