ޕާކިސްތާނާއި ސައުދީ އަރަބިއްޔާއާ ދެމެދު ދެބަސްވުންތަކެއް އުފެދިފައިވާކަމަށް ބައިނަލްއަގުވާމީ ފެންވަރުގައި ދެކެވެމުންދާ ވާހަކަތަކަށް، ޕާކިސްތާނު އަސްކަރިއްޔާއިން އިންކާރު ކޮށްފިއެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާގެ އިސްވެރިޔާ ޖެނެރަލް ގަމަރު ޖާވިދު ބަޖުވާ ސައުދީ އަރަބިއްޔާއަށް ކުރައްވާ ދަތުރަކީ، ދޭދޭ ގުޅުމުގައި ޖެހިފައިވާ "ކުނި ފިލުވުމަށް" ކުރައްވާ ދަތުރެއް ކަމަށް ބުނެ މީޑިއާގައި ދެކެވެމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން، ޕާކިސްތާނު އަސްކަރިއްޔާގެ ތަރުޖަމާނު، މޭޖާ ޖެނެރަލް ބާބާ އިފްތިޚާރު ވިދާޅުވީ، ޖެނެރަލް ބަޖުވާގެ ސައުދީ ދަތުރަކީ ކުރިންވެސް ޝެޑިއުލް ކުރެވިފައިވާ ދަތުރެއް ކަމަށެވެ.

އަސްކަރިއްޔާގެ ތަރުޖަމާނު އިތުރަށް ވިދާޅުވީ، ޕާކިސްތާނުގެ ރައްޔިތުންގެ ހިތުގެ ވިންދު ގުޅިފައިވަނީ ސައުދީއާއި އެކުގައި ކަމަށާ، ދޭދޭ ގުޅުން ތަކާ މެދު ސުވާލު އުފައްދާނެ ފުރުސަތެއް މި ކަމުގައި ނެތް ކަމަށެވެ.

ޖެނެރަލް ބަޖުވާގެ ސައުދީ ދަތުރަކީ ދުރާލާ ރޭވިގެން ކުރިއަށް ގެންދަވާ ދަތުރެއް ކަމަށާ، ދަތުރުގެ އަމާޒަކީ ދޭދޭ އަސްކަރީ ބާރުގެ ގުޅުން ބަދަހި ކުރެއްވުމާ ގުޅޭ ދަތުރެއް ކަމަށެވެ. ހުރިހާ ކަމެއްވެސް ރަނގަޅު ކަމަށާ، އެކަމުގައި ދައްކާނެ އިތުރު ވާހަކައެއް ނެތް ކަމަށްވެސް އަސްކަރިއްޔާގެ ތަރުޖަމާނު ވަނީ ވިދާލުވެފައެވެ.

ސައުދީއާއި ޕާކިސްތާނުގެ ގުޅުން ހީނަރުވެ ދެބަސްވުމަކަށް ގޮސްފައިވަނީ، ކަޝްމީރުގެ މައްސަލައާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމެއް އިންތިޒާމު ކުރުމަށް ސައުދީއިން އިންކާރު ކުރުމުން ކަމަށް މީޑިއާގައި ވަނީ އަޑު ފެތުރިފައެވެ.

މި ފަހަކަށް އައިސް އިންޑިއާއާއި ސައުދީ އަދި އެކުވެރި އަރަބި އިމާރާތުގެ ގުޅުން، އިންތިހާއަށް ބަދަހިވެފައިވާއިރު، އަރަބި ބްލޮކުން ކޮންޓްރޯލް އޯއައިސީއިން ޕާކިސްތާނުގެ ޑިމާންޑަށް ބޯލެނބުމުގައި އިންކާރު ކުރުންތަކެއް ހުރި ކަމަށް އިންޑިއާ މީޑިއާއިން ސިފަކުރެއެވެ.