މިދިޔަ ހަފުތާގެ ހުކުރު ދުވަހު އިންޑިއާގެ ކެރެލާގެ ކެލިކަޓް އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓުނު އެއާ އިންޑިއާ އެކްސްޕްރެސްގެ ފްލައިޓް އައިއެކްސްއައި 1344 އިން ފަސެންޖަރުން ސަލާމަތް ކުރުމުގެ މިޝަންގައި ހަރަކާތްތެރިވި ބައެއް މެމްބަރުން، ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވެއްޖެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މައްލަޕޫރަމް ޑިސްޓްރިކްޓް ކަލެކްޓާ ކޭ ގޯޕާލަކްރިޝްނަންއާއި އޭނާގެ ނައިބުގެ އިތުރުން، އޭނާގެ 21 މުވައްޒަފެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް މައުލޫމާތު ލިބެއެވެ. ގޯޕާލަކްރިޝްނަންއަކީ ފްލައިޓް ވެއްޓުނު ހާދިސާއާ ގުޅިގެން ކުރިއަށް ގެންދާ ރެސްކިއު އޮޕަރޭޝަންތަކުގައި ހަރަކާތްތެރި ދައުރެއް އަދާކުރެއްވި އޮފިޝަލެކެވެ. އެ މިޝަން ނިންމާލުމަށްފަހު މިޝަންގެ މެމްބަރުން ތިބީ ކަރަންޓީނުގައި ކަމަށްވެސް ޚަބަރު ލިބެއެވެ.

ކެރެލާ ސްޓޭޓަށް ބަލާއިރު، ވެރިކަން ކުރާ ސިޓީގެ ފަހަތުން 2 ވަނައަށް އެންމެ ގިނަ އަދަދަކަށް ކޭސް ރެކޯޑް ކޮށްފައިވަނީ މައްލަޕޫރަމް ޑިސްޓްރިކްޓުންނެވެ. މި ޑިސްޓްރިކްޓްގެ ޕޮލީސް ޗީފް ޢަބްދުކަރީމް ކޮވިޑް-19އަށް ޕޮޒިޓިވްވީ ބުރާސްފަތި ދުވަހުއެވެ.

ދުބާއީއިން ފުރައިގެން ކެލިކެޓަށް ދަތުރު ކުރަމުންދިޔަ އެއާ އިންޑިއާ އެކްސްޕްރެސްގެ ފްލައިޓަކީ، ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ހާލުގައި ޖެހިފައި ތިބި އިންޑިއާގެ ރައްޔިތުން އަނބުރާ ގައުމަށް ގެނައުމަށް އިންޑިއާ ސަރުކާރުން ހިންގާ މިޝަންގެ ދަށުން އޮޕަރޭޓް ކުރި ފްލައިޓެކެވެ. މި ހާދިސާގައި 18 މީހެއްގެ ފުރާނަ ގެއްލިފައިވާއިރު، 100 މީހަކަށް ވަނީ އެކި ވަރުގެ ޒަހަމްތައް ލިބިފައެވެ. ޒަހަމްވީ މީހުންނާ ދިރިތިބި އެހެން ފަސެންޖަރުންވެސް ތިބީ ކަރަންޓީނުގައި ކަމަށް ބެލެވެއެވެ.