ރައްޔިތުން ފާޅުކުރާ ކަންބޮޑުވުން ތަކާ ގުޅިގެން ދާއިރާތަކުގެ މެމްބަރުންނާއި މިނިސްޓަރަށް ކަންކަން އަވަސް ކޮށްދިނުމަށް އެދިވަޑައިގެންފައި ވާނެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރޭ ރާއްޖެޓީވީގެ 'ފަލަސުރުޙީ' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ދާއިރާތަކުގެ ރައްޔިތުން ފާޅުކުރާ ކަންބޮޑުން ތަކާ ގުޅިގެން މަޖިލީހުން އެކަންކަން ކުރިއަށްދާ، ނުދާ ގޮތް ބައްލަވާފައި ހުންނާނެ ކަމަށެވެ. އަދި އެކަމާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވެފައި ކުރިކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ އޭނާއާ ނުބެހޭ ކަންތައްތަކާ ބެހޭ މީހެއް ކަމަށް ވަރަށް ގިނަ މީހުން ބުނާ ކަމަށެވެ. އަދި އެއީ ހަގީގަތެއްކަން ފާހަގަކުރައްވާ ފައްޔާޒު ވިދާޅުވީ ދާއިރާއެއްގައި ކަމެއް ނުވެގެން ރައްޔިތުން ނުވަތަ މަޖިލިސް މެމްބަރުން ގުޅުއްވާ ކަމަށެވެ. އަދި އެކަމަކާ ގުޅޭ މިނިސްޓަރުންނަށް ގުޅުއްވައިގެން އެކަމެއް ކޮށްދެވޭނެ ގޮތެއް އޮތްތޯ ބައްލަވާ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ފައްޔާޒު ވިދާޅުވީ މަސައްކަތްތައް އަވަސް ކޮށް ރައްޔިތުންގެ ކަންބޮޑުވުންތައް އެހެން ވަޒީރުންނާއި ހިއްސާ ކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ ރައްޔިތުންގެ ލާބަ ހުރި ކަންކަމުގައި އަދިވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މެނިފެސްޓޯ އާއި ސަރުކާރުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމަށް ވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތްކަމަށް ހުށަހަޅާ ލިޔުމުގައި 20 މެންބަރަކު ސޮއިކޮށްފައި ވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަން ބޭނުން ވަނީ 14 މެންބަރުންގެ ސޮއިއެވެ. މިހާރު އަދަދު ހަމަކޮށްފައި ވާއިރު، މި ހަފްތާގައި މައްސަލަ މަޖިލީހަށް ވައްދާނެ ކަމަށްވެސް ވަނީ ހަބަރު ލިބިފައެވެ.

އެމްޑީޕީގެ ބައެއް މެންބަރުން ފައްޔާޒުގެ އިތުބާރު ނެތްކަމަށް ތާއީދު ކުރައްވާ އިރު އޭނާއަށް ފުރިހަމައަށް އިތުބާރު ކުރައްވާ ކަމަށް އެމްޑީޕީ ބައެއް މެމްބަރުން އަންނަނީ ވިދާޅުވަމުންނެވެ.

އޭގެ ތެރޭގައި އެއެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަދި މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު އާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް އާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަަމްގެ އިތުރުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އާއި ދާންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ޔައުގޫބް އަބްދުﷲ އަދި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީ ހިމެނެއެވެ.

ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދަން އެމްޑީޕީގެ މެންބަރުން މަސައްކަތް ކުރައްވަމުން ގެންދަވާ އިރު މިނިސްޓަރު ފައްޔާޒަކީ އެމްޑީޕީގެ ސީނިއާ ބޭފުޅެކެވެ. އެމްޑީޕީގެ ބައެއް މެންބަރުން ފައްޔާރު ބޭރުކުމުގެ މަސައްކަތް ކުރަނީ އެމްޑީޕީގެ ވައުދު ފުއްދުމުގައި އެ މިނިސްޓަރުގެ ދައުރު ކުޑަކަން ފާހަގަ ކުރެވޭތީ ކަމަށް ބުނެފައި ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.