އެ ބަޔަކު މި ދުވަސްވަރު އެންމެ ގިނަ ވަގުތު އެ ތަނެއްގައި ހޭދަކުރާ ސޯޝަލް މީޑިއާ ޕްލެޓްފޯމުގައި މިއަދު ވައިރަލް ވަމުންދާ އެއް މަންޒަރަކީ "ބަހްރައިން ގެ އަމީރު، އޭނާގެ ރޮބޮޓް ބޮޑީ ގާޑު ގޮވައިގެން ދުބާއީއަށް ވަޑައިގެންނެވި" ކަމަށް ބުނާ މަންޒަރު ފެންނަ ވީޑިއޯއެވެ.

އަމީރު ހަމަދު ބިން އީސާ އަލް ޚަލީފާގެ ފަހަތުން ހިނގާފައި އަންނަ ބިޔަ ރޮބޮޓް ބޮޑީގާޑަށް ސަމާލުކަން ނުހުއްޓޭ މީހަކު މަދެވެ. ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ މުޅި ދުނިޔެ ހަނގުރާމަ ކުރަމުންދާ މި ދަނޑިވަޅުގައި، ބަހްރައިންގެ އަމީރެއް ކަމަކު މިފަދަ ކަމެއް ކުރައްވާފާނެތޯ ހިތާހިތާ ކޮށްލެވުނު ސުވާލުގެ ހަގީގަތް ބަލާލަން ކުރި މަސައްކަތުގެ ނަތީޖާ ވަރަށްވެސް އާދަޔާ ހިލާފެވެ.

މިހާ ހިސާބުން މިކަމުގެ ހަގީގަތަށް ބަލާލަމާތޯއެވެ. ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ދައުވަރުވަމުންދާ ވީޑިއޯއަކީ އަސްލަކެވެ. ހިލާފު އަންނަނީ، އެ ވީޑިއޯއާއިއެކު ހިއްސާ ކޮށްފައިވާ މެސެޖާ ހިސާބުންނެވެ. މެސެޖުގައި ބުނަނަނީ "ބަހްރައިން ގެ އަމީރު، އޭނާގެ ރޮބޮޓް ބޮޑީ ގާޑު ގޮވައިގެން ދުބާއީއަށް ވަޑައިގެންނެވި" މަންޒަރު ކަމަށެވެ. ނަމަވެސް، ފާހަގަކުރަންޖެހޭ ކަމަކީ އެ ބިޔަ ރޮބޮޓަކީ އަމީރުގެ ބޮޑީގާޑު ނޫން ކަމެވެ.

އަސްލަކީ ކޮބައިތޯ ބެލިއިރު، މިއީ މިއަހަރުގެ މަންޒަރެއްވެސް ނޫނެވެ. މިއީ 2019 ވަނަ އަހަރު ކުރިއަށްދިޔަ މައުރަޒެއްގެ ތެރޭގައި ނަގާފައިވާ މަންޒަރެކެވެ. ޓައިޓަންގެ ނަން ދީފައިވާ މި ރޮބޮޓަކީ 2019 ވަނަ އަހަރު އަބޫދާބީގައި ކުރިއަށްދިޔަ އިންޓަނޭޝަނަލް ޑިފެންސް އެގްޒިބިޝަންގައި ފީޗާކުރި ރޮބޮޓެކެވެ. ނުވިތާކަށް ޓައިޓަންގެ ކުރިން ހިނގާފައި ދާތީ ފެންނަ މީހާ އެއީ އަމީރެއްވެސް ނޫނެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމަކީ އެމީހަކު ބޭނުން ގޮތަކަށް ކޮށާ، މަށާ، ކުލަ ޖައްސައިގެން "ޚަބަރު" ފެތުރިދާނެ ޕްލެޓްފޯމެކެވެ. މައުލޫމާތު ލިބިގަންނަ މީހާވެސް އެކަން ދަންނަންޖެހެއެވެ. ދެވަނަ މީހަކަށް އެ މައުލޫމާތު ހިއްސާކުރާއިރު އެ ޕޯސްޓެއްގައިވާ ތެދު، ދޮގު ކަށަވަރު ކުރުމަކީ ޒިންމާއެއް ކަމުގައި ދެކެންވެއްޖެއެވެ. ރޮބޮޓް ހަށިފާރަވެރިޔާގެ މަންޒަރު ހިއްސާ ކުރުމުގައި މައްސަލައެއް ނެތެވެ. ނަމަވެސް އެ މަންޒާރާއެކު އޮތް މެސެޖުގެ ސައްހަކަން ކަށަވަރު ކުރަންވާނެއެވެ.