މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، މައިކްރޮސޮފްޓްގެ ފުރަތަމަ އެންޑްރޮއިޑް ފޯނު، އަންނަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ނެރޭނެ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

"ސާފަސް ޑުއޯ"ގެ ނަން ދީފައިވާ މި ފޯނުގެ އަގަކީ 1399 ޑޮލަރެވެ. ތި ކިއާލެވުނީ ހަމަ ރަނގަޅަށެވެ. "ސާފަސް ޑުއޯ" ފޯނުގެ އަގާ، އައިފޯން 11 ޕްރޯ މެކްސްގެ އަގާ ތަފާތެއް ނެތެވެ.

އިގުތިސޯދީ އަދި މާލީ ގޮތުން މުޅި ދުނިޔެ އިނދަޖެހިފައިވާ މި ދަނޑިވަޅުގައި މިހާ ބޮޑު އަގެއްގައި ފޯނެއް ނެރޭއިރު، މި ފޯނު ގަތުމަށް ގިނަ ބަޔަކު ސަފު ހަދާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ. ނަމަވެސް، މި އަގަށް، "ސާފަސް ޑުއޯ" ވިއްކަން ޖެހޭ ސަބަބުތަކެއް ހުރި ކަމަށް ޓެކްނޮލޮޖީ ދުނިޔެ ބުނެއެވެ.

މައިކްރޮސޮފްޓް ކުންފުނިން ބުނާ ގޮތުގައި ފޯނުގެ އެންމެ ހާއްސަ ސިފައަކީ އެއަށް ލިބިފައިވާ ޑުއަލް ސްކްރީން ޓެކްނޮލޮޖީއެވެ. ފޯނެއްގެ އިތުރުން، މިއީ ޓެބްލެޓެއްވެސްމެއެވެ. ފަތްޖަހާލެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ސްކްރީން ޓެބްލެޓެއްގެ ގޮތުގައި ބޭނުން ކުރާއިރު، ބޮޑު މިނުގައި 8.1 އިންޗި ހުރެއެވެ. ފޯނުގެ ޑިސްޕްލޭއަކީ 5.6 އިންޗިއެވެ.

މައިކްރޮސޮފްޓްގެ ފުރަތަމަ އެންޑްރޮއިޑް ފޯނު "ސާފަސް ޑުއޯ"/ފޮޓޯ: ސީއެންއެން

ފޮތެއް ގޮތަށް މެދުން ލައްޕާ ލުމުގެ އިތުރުން ދެފުށް ބޭނުން ކުރެވޭ ފޯނެއް ގޮތަށް، އެންމެ ކެމެރާއަކާއެކު ފަރުމާކޮށްފައި ސާފަސް ޑުއޯއަކީ 4ކޭ ކޮލިޓީގައި ވީޑިއޯ ރެކޯޑް ކޮށްދޭ ފޯނެކެވެ.

ފޯނުގެ އަނެއް ހާއްސަކަމަކީ، ކޮމްޕިއުޓަރަކުން ކުރާ ހުރިހާ ބޭނުމެއް ހެން މި ފޯނުން ކުރެވުން ކަމަށް މައިކްރޮސޮފްޓް ކުންފުނިން ބުނެއެވެ. މައިކްރޮސޮފްޓްއިން ވަނީ، ސާފަސް ޑުއޯއަށް ހާއްސަކޮށްގެން އޮފީސް ސޫޓަށްވެސް ބަދަލުތަކެއް ގެނެސްފައެވެ. މި ފޯނަކީ އަދުގެ ހާލަތަށް އެންމެ އެކަށޭނަ ގޮތަށް ވީޑިއޯ ކޯލް ކުރުމާ، ގޭގައި ތިބެގެން އޮފީސް މަސައްކަތްތައް ކުރުމަށް ލުއިފަސޭހަކަން ގެނެސްދޭނެ ގޮތަށް ފަރުމާކޮށްފައިވާ ފޯނެއް ކަމަށް ބުނެވެއެވެ.

ފަތްޖަހާލެވޭ ގޮތަށް ފަރުމާ ކޮށްފައި ހުންނަ ފޯނުތަކަކީ ބައެއް ފަހަރު ގިނަ މައްސަލަތަކާ ކުރިމަތިވާ ފޯނުތަކަކެކެވެ. މިފަދަ ތަކުލީފެއް އެންމެ ފަހުން އުފުލީ ގެލެކްސީ ފޯލްޑާ، ގެލެކްސީ ފޯލްޑް ޒީ ފްލިޕްއެވެ. ނަމަވެސް، ފަތްޖަހާލެވޭ ކާމިޔާބު ފޯނުތަކެއްވެސް ޓެކްނޮލޮޖީގެ ބާޒާރު ވަނީ ތަޖުރިބާ ކޮށްފައެވެ.

މައިކްރޮސޮފްޓްގެ ފުރަތަމަ އެންޑްރޮއިޑް ފޯނު "ސާފަސް ޑުއޯ"އަށް އޮންލައިންކޮށް އޯޑަރު ދިނުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.