ރ. މަޑުއްވަރީގައި މަރުތޭލެއް ފަދަ ހަތިޔާރަކުން ޖަހާ މީހެއްގެ ބޯ ފަޅާލައިފި ކަމަށް ހަބަރު ލިބިއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާގެ ބޯ ވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައި ކަމަށާއި އެމީހާގެ ބޯ އެއްކޮށް ބޭލުމަށް ފަހު މިހާރު ވަނީ ފަހާފައި ކަމަށްވެސް މައުލޫމާތު ލިބެއެވެ. އަދި އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

މައުލޫމާތު ދިން ފަރާތުން ބުނީ ވަރަށް ބާރަށް އެއްޗަކުން ޖެހި އަޑު އިވުނު ކަމަށް ބައެއް މީހުން ބުނާ ކަމަށެވެ. އަދި އެ ހާދިސާގައި ހަމަލާ ދިން މީހާ ހުރީ ވަރަށް ބޮޑަށް ނިވާވެގެން ކަމަށާއި އެހެން ކަމުން އެ ހަމަލާ ދިން މީހާގެ ވަނަވަރު ނޭނގޭ ކަމަށްވެސް އެމީހާ ބުނެއެވެ. އަދި މިހާތަނަށް އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށަފައި ނުވާ ކަމަށްވެސް އޭނާ ބުނެއެވެ.

ހީވަނީ އެ ސޮރުގެ ބޮލުގެ ނާށިގަނޑުވެސް ފަޅައިގެންދާނެ ކަންނޭންގެ، އެހާވެސް ބާރަށޭ ބުނީ އަޑު އިވުނީ، އަދި އެއީ ކާކު ކަމެއް ނޭނގޭ، ޖެހި މީހެއް ނޭނގޭ
ރަށުން މައުލޫމާތު ދިން މީހެއް

މިކަމާ ގުޅިގެން މަޑުއްވަރީ ކައުންސިލްގެ ރައީސް ވަނީ އެ ރަށުގައި މާރާމާރީއެއް ހިނގައިގެން އުޅޭކަން ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް އެއީ ފުލުހުން ބަލަމުންދާ މައްސަލައަކަށް ވާތީ އިތުރު ތަފްސީލެއް ދެއްވާފައެެއް ނުވެއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ހޯދަން މަސައްކަތް ކުރި ނަމަވެސް ވަނީ ލިބޭގޮތް ނުވެފައެވެ.

މަޑުއްވަރީގައި މިފަދަ ހާދިސާއެއް ހިނގާފައި ވާއިރު، މަޑުއްވަރީގައި މީގެ ކުރިންވެސް ވަނީ ލަނޑާނަގާ ދޯންޏެއްގައި ވަޅިން މީހަކަށް ހަމަދީ ޒަހަމް ކޮށްލާފައެވެ. މިހާދިސާ ހިންގާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރެއެވެ.