ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ފުރަތަމަ ފަހަރަށް ވެކްސިނެއް ރެޖިސްޓްރީ ކޮށް އިންސާނަކަށް އެ ވެކްސިން ދިނުމުގެ ރެކޯޑް މިއަދު ރަޝިއާއިން މުގުރާލާފައިވާއިރު، މިހާތަނަށް 20 ގައުމަކުން ވެކްސިނަށް އޯޑަރު ދީފައިވާކަމަށް ޚަބަރު ލިބިއްޖެއެވެ.

"ސަޕްޓްނިކް -5" ގެ ނަމުން ނަން ދީފައިވާ ވެކްސިން ހޯދުމަށް މިހާތަނަށް 20 ގައުމަކުން 1 ބިލިއަން ޑޯޒްއަށް އޯޑަރު ދީފައިވާކަމަށް ރަޝިއާގެ އާރްޑީއައިއެފް ސޮވްރިން ވެލްތު ފަންޑުގެ އިސްވެރިޔާ ކިރީލް ޑިމިޓްރިއޭފް ވަނީ ހާމަކުރައްވާފައެވެ.

ކޮވިޑް-19އިން ދިފާއު ވުމަށް ބޭނުންކުރާ ވެކްސިނެއް އެންމެ ފުރަތަމަ އުފެއްދާ، އާންމު ކޮށް ބޭނުން ކުރުމުގެ ހުއްދަ ލިބިފައިވާކަން އިއުލާން ކުރެއްވީ ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންއެވެ. ޕޫޓިން މިކަން އިއުލާން ކުރައްވާފައި މިވަނީ، ފުޅާ ދާއިރާއެއްގައި ވެކްސިން ދިނުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ރަޝިއާއިން ހާމަކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ.

ކަންމިހެން އޮތްއިރު، ވެކްސިން ޓެސްޓު ކުރުމުގެ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ރަޝިއާއަށް ގޮވާލާފައެވެ. ކޮވިޑް-19އަށް ވެކްސިނެއް ތައްޔާރު ކުރުމަށް 100 އެތައް ގުރޫޕަކުން މަސައްކަތް ކުރަމުންދާއިރު، އިންސާނުންގެ ހަށިގަނޑުގައި އާންމު ކޮށް ބޭނުން ކުރުމާ އެންމެ ގާތުގައި އޮތީ 6 ވަރަކަށް ވެކްސިން ކަމަށް ޑަބްލިއުއެޗްއޯއިން ބުނާއިރު، މި ވެކްސިންތަކުގެ ތެރޭގައި ރަޝިއާގެ ވެކްސިން ނުހިމެނޭ ކަމަށް ޚަބަރު ލިބެއެވެ.

ރަޝިއާއިން މިއަދު ރެޖިސްޓްރީކޮށް، އިންސާނެއްގެ ހަށިގަނޑުގައި ބޭނުން ކުރި ވެކްސިނަކީ ކިހާ ކާމިޔާބު ވެކްސިނެއް ކަމެއް ހާމަކޮށްފައި ނުވާއިރު، މި ވެކްސިނާ ބެހޭ ފަންނީ މައުލޫމާތުގެ ތަފްސީލެއްވެސް އެ ގައުމުން ދީފައެއް ނުވެއެވެ.

"ސްޕަޓްނިކް-5" ވެކްސިން އެންމެ ފުރަތަމަ ދީފައިވަނީ ޕޫޓިންގެ ދަރިކަނބަލަކަށެވެ. މި ވެކްސިނަށް "ސްޕަޓްނިކް-5" ގެ ނަމުން ނަން ދީފައިވަނީ ދުނިޔެއިން ބޭރުގައި ގާއިމުކުރި ފުރަތަމަ ސެޓެލައިޓަށް ރިއާޔަތްކޮށެވެ.