މާލީ ބަޔާން ހުށަނޭޅުނީ ހިމަނަން ޖެހޭ ބައެއް މައުލޫމާތު ނުލިމުގެ ސަބަބުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން މިދިޔަ މަހު ފަހުކޮޅު އާއްމުކުރި ލިޔުންތައް ބުނާގޮތުން، ޕީޖީ ޝަމީމް ހުށަހަޅުއްވާފައި ނުވަނީ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ހުށަހަޅުއްވަން ޖެހޭ މާލީ ބަޔާނެވެ.

އެކަމާ ގުޅިގެން ޝަމީމް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މާލީ ބަޔާނުގައި ހިމަނަންޖެހޭ ބައެއް މައުލޫމާތު ނުލިބުމުގެ ސަބަބުން، މާލީ ބަޔާން ހުށަހެޅިފައި ނުވާ ކަމަށާއި އެމައުލޫމާތުތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ލިބުނުހާ އަވަހަކަށް ބަޔާން ހުށަހަޅާނެ ވާހަކަ އޮޑިޓާ ޖެނެރަލްގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް ވެސް ޕީޖީ ޝަމީމް ވިދާޅުވިއެވެ. ބަޔާން އާންމު ކުރައްވާނެ ކަމަށް ވެސް ޕީޖީ ޝަމީމް ވިދާޅުވި އެވެ.

ޝަމީމްގެ އިތުރުން ހަތަރު މިނިސްޓަރަކު ވެސް މާލީ ބަޔާން ހުށަހަޅުއްވާފައި ނުވާކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ. އެގޮތުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހުގަ އާއި މަގާމުގައި އެއް އަހަރު ވުމުން ހުށަހަޅުއްވަންޖެހޭ މާލީ ބަޔާން ހުށަހަޅުއްވާފައި ނުވާ އޮޑިޓާ ޖެނެރަލް އޮފީހުން ބުނެއެވެ.

އޭގެ އިތުރުން ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު 2018 ވަނަ އަހަރު މާލީ ބަޔާން ހުށަހެޅުއްވި ނަމަވެސް، 2019 ވަނަ އަހަރު މާލީ ބަޔާން ހުށަހަޅުއްވާފައި ނުވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ވަނީ ބުނެފައެވެ.