ކޮރޯނާވައިރަސް އާއިލާއަށް ނިސްބަތްވާ އާދައިގެ އަރިދަފުސް ރޯގާ ފެތުރޭހާ ފަސޭހައިން، ކުޑަކުދިންގެ ކިބައިން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރިދާނެ ކަމަށް ހާވަޑް މެޑިކަލް ސްކޫލްގެ ކުރީގެ ޕްރޮފެސަރެއް ކަމަށްވާ ވިލިއަމް ހެސަލްޓީން ވިދާޅުވެއްޖެއެވެ.

ސީއެންއެންއާ ވާހަކަދައްކަވަމުން ހެސަލްޓީން ވިދާޅުވީ، ކޮވިޑް-19ގައި މީހުން މަރުވިކަމުގައި ވީ ނަމަވެސް މި ރޯގާ ޖައްސާ ވައިރަސްވެސް އުޅެނީ އަރިދަފުސް ރޯގާ ޖައްސާ ވައިރަސް އުޅޭ ފަދައިން ކަމަށެވެ. ހެސަލްޓީން ސިފަކުރައްވާ ގޮތުގައި ކޮވިޑް-19 ޖައްސާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޯވް-2) އަކީ އަރިދަފުސް ރޯގާ ޖައްސާ ކޮރޯނާވައިރަހުގެ "ދެބެންގެ ދެދަރި" ވައިރަހެކެވެ.

ކުޑަކުއްޖެއް އުރައިލެގެން ހުރި މީހެއް/ފޮޓޯ: ޑަބްލިއުބީޓީވީ

މި މޭރުމުން ވާހަކަ ދައްކަވަމުން ހެސަލްޓީން ވަނީ، އިންފެކްޓްވެފައިވާ ކުޑަ ކުއްޖެއްގެ ފަރާތުން އެހެން މީހުންނަށް ވައިރަސް ފެތުރިގެންދާ ކަމަށް އިންޒާރު ކުރައްވާ، ކުޑަކުދިންނަކީވެސް މާސްކު އަޅަންޖެހޭ ބައެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން އުމުރުން 5 އަހަރުން ދަށުގެ ކުދިންނަކީ އެހެން މީހުންނަށް ވަކިން ބޮޑަށް ވައިރަސް ފަތުރާ ބައެއް ކަމަށް ހެސަލްޓީން ވަނީ ސިފަކުރައްވާފައެވެ. ކުޑަކުދިންގެ ނޭފަތުގައި އެތައް ހާސް ގުނައެއް އިތުރަށް ވައިރަސް ހަރުލާ ކަމަށާ، އެހެންކަމުން ކުޑަކުދިންނަކީވެސް ވައިރަސް ފަތުރުމުގައި ނުރައްކާ ދަރަޖާގައި ހިމެނޭ ބައެއް ކަމަށް ހެސަލްޓީން ވަނީ އިންޒާރު ކުރައްވާފައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް ކުރުމަށް މިވަގުތު ބޭނުން ކުރެވެން އޮތް އެންމެ ވަރުގަދަ އެއް ހަތިޔާރަކީ މާސްކު ކަމަށްވާއިރު، އުމުރުން 2 އަހަރުން ދަށުގެ ކުޑަކުދިން ހިމެނެނީ މާސްކު އަޅަން މަޖުބޫރުވާ މީހުންގެ ލިސްޓުން އިސްތިސްނާވެފައިވާ ގިންތީގައެވެ.