ކޮވިޑް-19 އާ ގުޅިގެން އަމިއްލަ މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ ފަރާތްތަކަށް އެހީތެރި ވުމަށް އެސްޑީއެފްސީ މެދުވެރިކޮށް ދޫކުރާ ލޯނަށް 1760 މީހުނަށް ހުއްދަ ދެވިފައިވާ ކަމަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ބުނެފިއެވެ.

އެސްއެމްއީ ބުނީ މިހާތަނަށް 1760 ލޯނަށް ހުއްދަ ދެވިފައިވާ ކަމަށާއި އެލޯނަށް ޖުމްލަ 306.7 މިލިއަން ރުފިޔާ ހަރަދދުވާނެ ކަމަށެވެ.

އެގޮތުން 1239 ވިޔަފާރިއަކަށް ލޯނު ދިނުމަށް ހުއްދަ ދީފައިވާއިރު 291.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެސްއެމްއީން ވަނީ ބުނެފައެވެ. އަދި އަމިއްލަ މަސައްކަތްކުރާ 521 ލޯނަށް ހުއްދަދެވިފައިވާ ކަމަށާއި 15.1 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް އެސްއެމްއީން ވަނީ ފާހަގަކޮށްފައެވެ.

ކޮރޯނާ ވައިރަސް އާއި ގުޅިގެން އެންމެ ކުދި،އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް އިތުރު ފުރުސަތު ފަހިކޮށްދިނުމަށް "ކޮވިޑް 19 ވިޔަފާރި އެހީ" ގެ ނަމުގައި ފިނޭންސް މިނިސްޓްރީ އާއި ގުޅިގެން އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ތައާރަފުކުރި ލޯނުގެ ގޮތުގައި ދޫކުރަން ނިންމާފައިވަނީ ގިނަވެގެން 500،000 ރުފިޔާއެވެ.

ކޮވިޑް-19އާ ގުޅިގެން އިގްތިސޯދީ ގޮތުން ރާއްޖެއަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ދަނީ އެތައް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހަމައެކަނި ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާ ވެފައިވާ މި ރާއްޖޭގައި އެހެނިހެން ސިނާއަތްތަކުން މަންފާ ހޯދުމަށް މަސައްކަތް ކުރުމަށް ސަރުކާރުން އެއްބާރުލުން ދީގެން އިގްތިސޯދީ ހާލަތު ރަނގަޅު ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.