ގަމުތުނޑިއާ ދިމާއިން ބަންޑުން ޖަހާލި ދޯނިން ގެއްލުނު މީހަ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ގެއްލުނު މީހަ ފެނުނީ ކަނޑުގެ 48 މީޓަރު އަޑިން ކަމަށާއި މިހާރު ނަގައިގެން ލ. ގަމު ހޮސްޕިޓަލަށް ގެންގޮސްފައި ވާ ކަމަށެވެ.

ލ.ގަމުގެ ހުޅަނގުން 3 ނޯޓިކަލް މޭލު ބޭރުން 10 މީހުނާއެކު ދަތުރުކުރި "ވިންދު" ނަމަކަށް ކިޔާ މުދާ އުފުލާ ދޯނީގައި އަލިފާން ރޯވެ ފެތިގެން ހިނގި ކަނޑުމަތީގެ އެ ހާދިސާ އެމްއެންޑީއެފަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު 3:00 ހާއިރު ކަމަށާ އެ ރިޕޯޓާ ގުޅިގެން އެމްއެންޑީއެފްގެ ކޯސްޓްގާޑު ޑައިވަރުން ކުރި މަސައްކަތުން އޭނާ ނެގީ ހަވީރު 5 ޖެހި ފަހުންނެވެ.

އެ ދޯނީގައި 10 މީހުން ދަތުރު ކުރި ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި ނުވަ ބިދޭސީން ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ. މިއަދު ދޯނި ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނީ ބިދޭސީއެކެވެ.

މިފަދަ ހާދިސާއެއް ހިނގާފައި ވާއިރު، މިއީ މިއަދު ހިނގި ކަނޑުމަތީގެ ދެވަނަ ހާދިސާއެެވެ. މިއަދު 1:14 ހާއިރު ވަނީ ކ. ކޮށްދިއްޕަރު ކައިރީގައި އޮތް ފިނޮޅަކަށް ދަތުރު ދިޔަ ލޯންޗެއް އަޑިއަށް ގޮސްފައެވެ.

އެ ލޯންޗުން 7 މީހަކު ދަތުރު ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. ލޯންޗު ބަންޑުން ޖަހާލި އިރު އޭގައި ތިބި މީހުން ވަނީ ފިނޮޅަށް އަރާފައެވެ. ލޯންޗު އަޑިއަށް ދިޔައީ ލޯންޗަށް ދިޔަ އަރައި ދިޔަ ކޮންޓްރޯލު ނުވެގެންނެވެ. ލޯންޗުުގައި ތިބި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އެމްއެންޑީއެފުން ވަނީ، މިއަދު އަލިފާން ރޯވެގެން އަޑިއަށްދިޔަ ދޯނީގެ ބައިތައް އޮޔާދާތީ ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ. އެމްއެންޑީއެފުން ބުނީ ދޯނި ފެތިފައި ވާއިރު ދެފެން ދޭތެރެއިން އޮޔާ ދާ ތަކެތީގެ ތެރޭގައި ތާނގީ، ލަކުޑި ފަދަ ތަކެތި ހިމެނެ ކަމަށެވެ. އެހެން ކަމުން ރޭގަނޑުގެ ވަގުތުގައި އެ ސަރަހައްދުން ދަތުރު ކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރެއެވެ.