ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިިސްޓްރޭޓް މުހައްމަދު މައުސޫމް ފަނޑިޔާރު ކަމުން ވަކިކުރަން ނިންމާފައި ނިންމުން ރަނގަޅު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފިއެވެ.

ޖުޑިޝަރީ ކޮމިޓީން މި ނިންމުން ނިންމާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހެވެ. އެ ކޮމިޓީން ނިންމީ މައުސޫމް ވަކިކުރަން މަޖިލީހަށް ފޮނުވަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ނިންމާފައި ވަނީ އެ ކޮމިޝަންގެ ގާނޫނާއި އިޖްރާއާތުތަކާ އެއްގޮތަށް ކަމަށެވެ. މިފަދަ މައްސަލަތަކުގައި ކޮމިޓީން ބަލަނީ ޖޭއެސްސީން އިޖްރާއާތުތައް ފުރިހަމަ ކުރިތޯ ނުވަތަ ނޫންތޯއެވެ.

މެޖިސްޓްރޭޓް މައުސޫމް ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ފޮނުވީ ރިޝްވަތު ނަންގަވާފައިވާތީއާއި މަސައްކަތުގެ މާހައުލުން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކޮށްފައި ވާތީ ކަމަށް ބުނެ އެކަމުގެ ތުހުމަތުގައެވެ. އެ މައްސަލަތަކާ ގުޅިގެން އޭނާ ހުންނެވީ ސަސްޕެންޑްކޮށްފައެވެ.

މައުސޫމް ވަކި ކުރުމާ މެދު ދެން ގޮތެއް ނިންމާނީި މަޖިލީހުގެ ތަޅުމުގައެވެ.

ޖޭއެސްސީން ބުނީ، ހދ. ޖުޑިޝަރީ ދާއިރާގެ އިސްމެޖިސްޓްރޭޓް މުހައްމަދު މައުސޫމްއާ ގުޅޭގޮތުން ޖޭއެސްސީން ތަހުގީގު ކުރަމުންދިޔަ މައްސަލަތަކުގެ ތެރެއިން، ހދ. ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ގަޒިއްޔާއެއްގެ ނިންމުމުގައި އިސް މެޖިސްޓްރޭޓް މައުސޫމް ރިޝްވަތުގެ ގޮތުގައި ފައިސާ ނަންގަވާފައިވާ ކަމަށެވެ. ހަމައެއާއެކު އިސް މެޖިސްޓްރޭޓް މައުސޫމް ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ރިޝްވަތުގެ އެހެން މުއާމަލާތްތައް ވެސް ކޮށްފައިވާކަން ސާބިތުވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

މީގެއިތުރުން މައުސޫމަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބޭ ފައިސާގެ އިތުރަށް، މައުސޫމްގެ ބޭންކް އެކައުންޓަށް ވަދެވަފައިވާ ގިނަ އަދަދެއްގެ ފައިސާއަކީ ނާޖާއިޒު ގޮތުގައި ނުވަތަ ނަހަމަ ގޮތުގައި ހޯދާފައިވާ ފައިސާކަން ސާބިތުވާ ކަމަށް ޖޭއެސްސީން ބުނެއެވެ. ވަޒީފާގެ މާހައުލާ އެކަށީގެން ނުވާ ގޮތަށް އަމަލުކޮށް އެކަށީގެން ނުވާ ބަހުރުވައިން މުވައްޒަފަކާ މެދު އަމަލުކޮށްފައިވާ ކަމަށް ވެސް ޖޭއެސްސީން ބުނެއެވެ. އަދި މައުސޫމްގެ ފަރާތުން އެ މުވައްޒަފަށް ކުރިމަތިވި ބައެއް ކަންކަމަކީ ޖިންސީ ފުރައްސާރައިގެ ސިފަ އެކުލެވިގެންވާ އަމަލުތަކެއްކަން ޖޭއެސްސީން ހިންގި ތަހުގީގަށް ސާބިތުވާ ކަމަށް ވެސް ޖޭއެސްސީން ބުނެފައިވެއެވެ.

އެކި ތުހުމަތުުތަކާ ގުޅިގެން މީގެ ކުރިން ވެސް ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވާފައިވެއެވެ. މަޖިލީހުން ގޮތެއް ނުނިމެނީސް، އޭގެ ތެރެއިން ގިނަ ފަރާތްތައް އިސްތިއުފާ ދެއްވި ނަމަވެސް ބައެއް ފަރާތްތައް ވަކިކުރީ މަޖިލީހުންނެވެ.