މޮރޮކޯ ސަރުކާރުން ދިވެހި ޒުވާނުންނަށް ހާއްސަކޮށްގެން އެގައުމުގެ ޔުނިވާސިޓީތަކާއި، ސަރުކާރުގެ އިންސްޓިޓިއުޝަންތަކުން މަތީ ތައުލީމު ހާސިލްކުރުމަށްޓަކައި ކޮންމެ އަހަރަކު ދެމުންގެންދާ ސްކޮލާޝިޕްގެ ފުރުސަތު އިތުރުކޮށްފިއެވެ.

މޮރޮކޯ ސަރުކާރުން މީގެ ކުރިން ދިވެހި ސަރުކާރަށް ދެމުން އައިސްފައިވަނީ އަހަރު ފަސް ސްކޮލާޝިޕެވެ. މިއަހަރުން ފެށިގެން ދިވެހި ދަރިވަރުންނަށް، ސައިންސާއި، ފަންނީ އަދި އިގްތިސާދީ ދާއިރާތަކުންނާއި، އިސްލާމިކް ސްޓަޑީޒްއާއި އަރަބިކް ލެންގުއެޖް އަދި ލިޓްރެޗާގެ ދާއިރާތަކުން މަތީ ތައުލީމް ހާސިލްކުރުމަށް 20 ސްކޮލާޝިޕް ފުރުސަތު ލިބިގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު، އާންމު އުސޫލުގެ މަތިން ޑިޕާޓްމަންޓް އޮފް ހަޔާ އެޑިޔުކޭޝަން އެންޑް ޓްރެއިނިންގެ ފަރާތުން ހުޅުވާލެވިގެން ކުރިއަށްގެންދާނެއެވެ.

ސްކޮލާޝިޕްގެ ފުރުސަތުތަށް އިތުރުކޮށްފައި ވަނީ، މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ވޭތުވެދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މޮރޮކޯއަށް ކުރެއްވެވި ރަސްމީ ދަތުރުގައި އެގައުމުގެ ސަރުކާރާއެކު ކުރެއްވި މަޝްވަރާތަކުގެ ނިންމުންތަކާ ގުޅިގެން ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.