ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުންގެ ތެރޭގައި ހިމެނެން ޖެހޭ އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރުގެ މަގާމަށް އައްޑުއަތޮޅު މަރަދޫ، މޫންލައިޓްހައުސް، އައިމިނަތު އުއްމު ކުލްސޫމް އައްޔަނު ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ އުއްމު ކުލްސޫމް ހަމަޖައްސާފައި ވަނީ މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަނުކުރައްވާފައިވާ ކަމަށެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަން ކުރެއްވުމުގެ ކުރިން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، އާމިނަތު އުއްމުކުލްސޫމް ، ރައީސްގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ.

އާމިނަތު އުއްމުކުލްޘޫމަށް ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރެވެ.މިރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް، އާމިނަތު އުއްމުކުލްސޫމް ވަނީ ހަވާލުކުރައްވާފައެވެ.

އާމިނަތު އުއްމުކުލްސޫމް މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައި ވަނީ ޕްރޮޖެކްޓް ޕްލޭނިންގް އެންޑް މެނޭޖްމަންޓް ދާއިރާއިން އިނގިރޭސި ވިލާތުގެ ބްރެޑްފޯޑް ޔުނިވާސިޓީންނެވެ. އުއްމުކުލްސޫމް އެންމެފަހުން ހުންނެވީ މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށުން ހިނގަމުން އަންނަ ނެޝަނަލް ސެންޓާ ފޯ ދި އާރޓްސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައެވެ. އޭގެ ކުރިން މިނިސްޓްރީ އޮފް ހެލްތް އެންޑް ޖެންޑާ އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި އިސްމަގާމުތައް އުއްމުކުލްސޫމް ފުރުއްވާފައިވެއެވެ.

އާންމުންގެ ތެރެއިން ޖޭއެސްސީއަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ފަސް މީހަކު އެ ކަމަށް ކުރިމަތިލިއެވެ. ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެ ނަންތައް ދިރާސާ ކުރުމަށް ފަހު މަޖިލީހުގެ ތަޅުމަށް ފޮނުވީ ދެ ނަމެވެ. އެއީ ސ. މަރަދޫ، މޫންލައިޓް ހައުސް އައިމިނަތު އުއްމު ކުލްސޫމާއި މާލޭ ހ. ރޯޒްމެރީ އާދަމް މިގުދާދުގެ ނަމެވެ. ޖޭއެސްސީގެ މެންބަރުކަމަށް އުއްމު ކުލްސޫމް އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިއަ މަހުގެ 22 ވަނަ ދުވަހު އެވެ.