ސްކޫލުތައް ހުޅުވެންދެން ހުރިހާ ގަޑިއެއްގައި މުދާ އުފުލޭނެ ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން ބުނެފިއެވެ.

ޓްރާންސްފޯޓު އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނީ މާލެ އަދި ހުޅުމާލޭގައި 11:30 އިން 13:30 އަށް 350 ކިލޯއިން ފެށިގެން މަތީގެ އެއްވެސް އުޅަނދެއްގައި މުދާ އުފުލުން މަނާކޮށްފައިވާ ކަމަށެވެ.

އެހެން ނަމަވެސް އިއްޔެ އިން ފެށިގެން ސުކޫލުތައް ހުޅުވެންދެން ހުރިހާ ގަޑިތަކެއްގައިވެސް، މުދާ އުފުލާ އުޅަނދުފަހަރު ބަރުކޮށްގެން މާލެ ތެރޭގައި މުދާ އުފުލުމުގެ ހުއްދަ ދިނުމަށް އެއޮތޯރިޓީން ނިންމާފައިވާ ކަމަށް އެއިއުލާނުގައި ވަނީ ބުނެފައެވެ.

މީގެ ކުރިން ސްކޫލް ފެށޭ ގަޑިއާއި ނިމޭ ގަޑީގައި އެ ސަރަހައްދުގައި މިހާރެކޭވެސް އެއްގޮތަށް މުދާ އުފުލާ އެއްވެސް އުޅަނދެއްގައި މުދާ އުފުލުމަކީ މަނާކަމެއް ކަމަށް އެ މިނިސްޓްރީން ވަނީ އަންގާފައި ވެއެވެ. އެގޮތުން މުދާ އުފުލުމުގެ ގަވާއިދާ ހިލާފުވާ ފަރާތްތަކަށް "އުޅަނދުގައި މުދާ އުފުލުމުގެ ގަވާއިދު" ގެ 12 ވަނަ މާއްދާގެ ދަށުން 750 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.

އީދު ބަންދާއި މިޑް ޓާމް ބަންދަށް ސްކޫލްތައް ބަންދުކުރުމަށް ފަހު އަލުން ހުޅުވަން ހަމަޖައްސާފައި އޮތް ތާރީހަކީ މި މަހު ނުވަ ވަނަ ދުވަހުއެވެ. ނަމަވެސް ކޮވިޑްގެ ހާލަތަށް ބެލުމަށް ފަހު އެޗްޕީއޭގެ ލަފާގެ މަތިން ކުރިއަށް ދެ ހަފުތާއަށް މާލެ ސަރަހައްދުގެ ސްކޫލްތައް ބަންދު ކުރަން ވަނީ ނިންމާފައެވެ.