ލޯބިވެރިޔާގެ އަތުން މަރާލާފައިވާ މަރްޔަމް ޝީރީންގެ މައްސަލައަށް 10 އަހަރުވީ ފަހުން ގާތިލަށް ހުކުމްކޮށްފިއެވެ.

ޝީރީން މަރާލާފައި އޮއްވާ ފެނުނީ، 2009 ވަނަ އަހަރު ޑިސެމްބަރު މަސް ތެރޭގައެވެ. އޭގެ 6 އަހަރު ފަހުން ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލައިގައި ތުހުމަތުވާ މުހައްމަދު ނަޖާހު މައްޗަށް ގަސްތުގައި މީހަކު މެރިކަމުގެ ކުށް ސާބިތު ނުވާކަމަށް ހުކުމް ކޮށްފައެވެ. އަދި އޭނާ ވަނީ މިނިވަންވެފައެވެ.

ނަޖާހުގެ މައްޗަށް ގަސްތުގައި މީހަކު މެރި ކަމުގެ ދައުވާ ކުރީ ޑިސެމްބަރު، 20، 2009 އިން ފެށިގެން މާފަންނު ކުރަހާގޭގެ ކޮޓަރިއެއްގެ ތެރޭގައި މަރިޔަމް ޝީރީނާއެކު އުޅުނު އުޅުމުގައި އޭނާ ޝީރީން މަރާލާފައިވާ ކަމަށް ބުނެއެވެ. ކްރިމިނަލް ކޯޓްގެ ޝަރީއަތުގައި ދައުލަތުން ބުނެފައި ވަނީ، ނަޖާހު ޝީރީން މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ފޮއްޓަކަށް ލައިގެން ޓެކްސީއެއްގައި ގެންގޮސް މާފަންނުގައި އިމާރާތްކުރަމުން ދިޔަ ގެއެއްކަމުގައިވާ މ. އަންގާގިރީގައި ބަހައްޓާފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ ޝީރީން މަރުވެފައި ވަނީ، ގުދުރަތީ މަރަކުން ނޫންކަމަށް ތަޙްޤީޤަށް ފެންނަ ކަމަށާއި ޝީރީން މަރުވި ސަބަބު ނޭނގޭ ކަމަށާއި އޭނާ މަރުވި ސަބަބު ދެނެގަނެވޭނީ ޕޯސްޓްމޯޓަމް ހަދައިގެން ކަމުގައިވާތީ، ޕޯސްޓްމޯޓަމް ހެދުމަށް ލަފާދީފައިވާނެ ކަމަށް ޝީރީން ބެއްލެވި ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. އެހެން ނަމަވެސް ޝީރީންގެ ޕޯސްޓްމޯޓަމް ހެދިކަން ދައުލަތުން ހުށަހެޅި ލިޔުންތަކުން އެނގެން ނެތް ކަމަށް އެ ހުކުމްގައިވެއެވެ.

ނަމަވެސް ފަހުން ދައުލަތުން ވަނީ އެ މައްސަލަ އިސްތިއުނާފަށް ހުށަހަޅާފާއެވެ. އެގޮތުން ހައިކޯޓުން މިއަދު ވަނީ 2009 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި މ.އަންގާގިރި ކިޔާ ގޯތީގައި ހަދަމުން ދިޔަ އިމާރާތެއްގެ ތެރޭގައި ހުރި ކުނިތަކެއްގެ ތެރެއިން މަރްޔަމް ޝިރީންގެ މަރާލާފައި އޮއްވާ ފެނުނު މައްސަލައާ ގުޅިގެން އޭނާގެ އޭރުގެ ލޯބިވެރިޔާ ލ. ގަން، ތުޑިވިލާ، މުހައްމަދު ނަޖާހު، 12 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.

ހައިކޯޓުގައި މިއަދު މި މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒު އާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދުއެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލް ކަމަށް ނިންމާފައިވަނީ ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

އެ ހުކުމްގައި ވަނީ، ނަޖާހުގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލް ކޮށްފައިވާ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައިވާއަށް ބެލިއިރު، ހުށަހެޅިފައިވާ ޤަޠުޢީ ޤަރީނާތަކުން ޤަތުލު ޝިބުހު ޢަމުދުގެ ކުށް (ޤަސްދު މަރާއި ވައްތަރުގެ މަރު) ޝަރީއަތަށް ސާބިތުވާކަމަށެވެ. އެގޮތުން ތައުޒީރީ އުގޫބާތެއްގެ ގޮތުން، ނަޖާހު 12 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.

ހަމައެއާއެކު މަރްޔަމް ޝިރީންގެ ވާރިސުންގެ ފަރާތުން މަރުގެ ދިޔަ މައާފު ނުކުރާ ކަމަށާއި ޝީރީންގެ މަރުގެ ދިޔައަކީ ނަޖާހުގެ އާގިލާއިން ނުވަތަ ނަޖާހު އަމިއްލައަށް ދޭން އޮތް ދިޔައެއް ކަމަށާއި، އެދިޔަ ލިބި ގަތުމަށް، ޝިރީންގެ ވާރިސުންނަށް ދަށު ކޯޓުގައި ދައުވާ ކުރުމުގެ ހައްގު އޮތްކަން އަންގާ ކަމަށް އެ ހުކުމްގައި ބުނެއެވެ. އަދި ކައްފާރާގެ ގޮތުގައި ވިދިވިދިގެން ހަނދުމަހުގެ2 މަސްދުވަހު ރޯދަ ހިފުމަކީ، ނަޖާހް ކުރި ފާފައިން ތައުބާވުމަށް އޮތް މަގެއް ކަމަށްވާތީ، އެކަމަށް ހައިކޯޓުން ވަނީ ނަސޭހަތްތެރިވެފައެވެ.