އިނގިރޭސިވިލާތުގެ ދެވަނަ ލީގު ޗެމްޕިއަންޝިޕް ޕްލޭ-އޮފް ފައިނަލް މެޗުގައި ބްރެންޓްފޮޑްގެ މައްޗަށް 2-1 އަކުން ކުރި ހޯދާ އަންނަ ސީޒަންގައި އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުމުގެ ފުރުސަތު ފުލަމް ހޯދައިފިއެވެ.
ރޭގެ މެޗުގެ ފުރަތަމަ ލަނޑު ފުލަމް ކާމިޔާބުކުރީ މެޗުގެ 90 މިނެޓް ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދިން 30 މިނެޓްގެ ތެރޭގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޑިފެންޑަރު ޖޯ ބްރަޔަންއެވެ. މެޗުގެ 105 މިނެޓްގައި އޭނާ ކާމިޔާބުކޮށް ދިން މިލަނޑަކީ އާދިޔާ ޚިލާފު ހިލޭ ޖެހުމަކުން ގޯލަށް ވައްދާލި ލަނޑެކެވެ.
މެޗުގެ 117 ވަނަ މިނެޓްގައި ސްކޯ 2-0 އަކަށް ހަދާ ދިނީ ވެސް ބްރަޔަންއެވެ. އެއަށް ފަހު މެޗުގެ 120 ވަނަ މިނެޓްގައި ބްރެންޓްފޮޑްގެ ހެންރިކް ޑަލްސްގާޑް ވަނީ ލަނޑެއް ޖަހާ 2-1 އަކަށް ސްކޯ ހަދާފައެވެ.
މި މެޗުން މޮޅުވުމާއެކު 2018/2019 ވަނަ ސީޒަންގައި އިންގްލިޝް ޕްރިމިއާ ލީގު ސީޒަންއިން ރެލިގޭޓްވި ފުލަމް މިވަނީ އަންނަ ސީޒަންގައި އަލުން އިނގިރޭސި އެންމެ މަތީ ލީގަށް ޕްރޮމޯޓްވެފައެވެ.
އެޓީމާއެކު އަންނަ ސީޒަންގައި އަލަށް ފެނިގެންދާނީ ވެސްޓް ބްރޮމް އަދި ލީޑްސް ޔުނައިޑެޓެވެ. މި ދެޓީމު ޕްރިމިއާ ލީގަށް ޕްރޮމޯޓްވީ އިރު މިސީޒަންގައި ލީގުން ރެލިގޭޓްވެފައިވަނީ ނޯވިޗް، ބޯންމޮތް އަދި ވޮޓްފޮޑެވެ.