ތ. ގުރައިދޫގައި ބިދޭސީއަކު މަރާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

މިކަމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ މިދިޔަ މޭ މަހުގެ 21 ވަނަ ދުވަހު ބަނގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ޝާހް އަލަމްއަށް ތޫނުއެއްޗަކުން ހަމަލާދީ މަރާލުމުގެ މައްސަލާގައި ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ބަބުލް މިއަހްއަށް ދައުވާ ކޮށްފައިވާ ކަމަށެވެ.

ޝާހަށް ތޫނުއެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ތ. ގުރައިދޫ ކަންޑަރު ސަރަހައްދުގައި ހުރި ސައިޓެއްގެ ތެރޭގައި ފުން ޒަހަމްތަކަކާއެކު ޝާހް އަލަމް ވަނީ މަރުވެފައެވެ. އޭނާ ފެނުނު އިރު ވެސަ ވަނީ މަރުވެފައެވެ.

މި މައްސްލާގައި ބަބުލްގެ މައްޗަށް ކުރަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 5 ވަނަ މާއްދާގެ ދަށުން ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލަ ހުށަހަޅާފައި ވަނީ ކްރިމިނަލް ކޯޓަށެވެ.

މި ކުށް ބަބުލްގެ މައްޗަށް ސާބިތުވެއްޖެނަމަ އޭނާއަށް އަންނާނީ މަރުގެ އަދަބެވެ.

ފުލުހުން ބުނީ، މި މީހާ މަރާލާފައިވަނީ ދެމީހުންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ކަން މިހާތަނަށް ތަހުގީގަށް ހާމަވެފައިވާ ކަމަށެވެ.

ގުރާދޫގައި މީހަކު މަރާލާފައި އޮތްވާ ފެނުނު ސަަރަހައްދަކީ އެ ރަށުގައި އުމްރާނީ އެކިއެކި މަަސައްކަތް ކުރާ "ކަންދަރު އަވަށް" ކަމަށްވާއިރު، އެތާނގައި ތަފާތު އެކި ބާވަތްތަކުގެ މަސައްކަތް ހިންގާ 50 ސައިޓް ހުރެއެވެ. އަދި އެ 50 ސައިޓުގައި މަދުވެގެން 50 އަކަށް ބިދޭސީން މަސައްކަތް ކުރާއިރު، މަރުވެފައި އޮތް މީހާއާއި ޒަހަމްވެފައި އޮތް މީހާއާ ގުޅުމެއް ހުރިކަމަށް ބެލެވޭ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގައި، ބިދޭސީން ދިރިއުޅޭ ތަންތަން ބަލާ ފާސްކުރުމުގައި، ޒަހަމްވެފައި އޮތް އިތުރު ބިދޭސީއެއް ފެނުނެވެ. އަދި އެރޭ 3:00 ހާއިރު ރަށު ސިއްހީ މަރުކަޒަށް ގެންގޮސް އޭނާއަށް ފަރުވާ ދިނުމަށްފަހު ފުލުހުން ވަނީ އޭނާއާ ސުވާލުކޮށްފައެވެ.