މިދިޔަ އަޟްހާ އީދާ ގުޅުވައިގެން ރަށެއްގައި ބޭއްވި އީދު ކުޅިވަރުގެ ތެރެއިން ޖުމްހޫރީ ޕާޓީގެ ލީޑަރާއި ލީޑަރުގެ އަނބިކަނބަލުންނަށް ފުރައްސާރަ ކުރުމަކީ ނާތަހުޒީބު އަމަލެއް ކަމުގައި ޖޭޕީން ބުނެފިއެވެ.

ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބުނީ، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއި އަނބިކަނބަލުން އައިޝަތު ނަހުލާއަށް ފުރައްސާރަކޮށް އީދު ކުޅިވަރެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކުރުމަކީ ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުމަށް ހިންގި ނާތަހުޒީބު އަމަލެއް ކަމުގައި ދެކޭ ކަމަށެވެ. އަދި އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ޖޭޕީން ބުނެއެވެ.

މިދިޔަ ހުކުރު ދުވަހަކީ އަޟްހާ އީދެވެ. އީދު ދުވަހާ ގުޅުވައިގެން ތިން ދުވަސް ވަންދެން ބައެއް ރަށްރަށުގައި ތަފާތު ކުޅިވަރުތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ގޮތުން ރަށެއްގައި ކޯޑި ކެނޑުމުގެ ހަރަކާތްތައް ކުރިއަށް ގެންދިޔަ އިރު ބައެއް ސިޔާސީ މީހުންގެ ސިފައަށް ހުރި މޫނުގަނޑު އަޅައިގެން އެ ފަރާތަތަކާ އެއްގޮތަށް ހެދުން އަޅައިގެން ވަނީ މަގުމަތީގައި ބޭއްވި ހިނގާލުމެއް ދައްކާލާފައެވެ.

ސޯޝަލް މީޑިއާގައި އެ ހަރާކަތްތަކުގެ ފޮޓޯއާއި ވީޑީއޯ ދަނީ ދައުރުވެފައެވެ. ގާސިމްއާއި ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާއާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ތަސްވީރު މާސްކެއްގެ ގޮތުގައި ބޭނުން ކޮށްގެން އީދު އުފާ ކުރިއަށް ގެންގޮސްފައިވާ އިރު މި ކަމަށް ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.

އެގޮތުން މިއީ އީދު ކުޅިވަރެއް ނޫން ކަމަށާއި އަދި މަޖާ ކަމެއް ނޫން ކަމަށް އެއްބަޔަކު ބުނެއެވެ. އަދި މިފަދަ މަލާމާތާ ފުރައްސާރަ ކުރުން ހުއްޓުވަން ޖެހޭ ކަމަށާއި ކޮންމެ ބަޔަކު ކުރިޔަސް މިއީ ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމަށް ވެސް ބައެއް މީހުން ފާހަގަކޮށްފައި ވެއެވެ.