ބ. ބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުމުގައި ހައްޔަރުކުރި 19 ބިދޭސީން އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައި ވަނީ އިމިގްރޭޝަންގެ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެ ބިދޭސީން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ބިދޭސީންގެ ގާނޫނީ ވަކީލުންގެ ފަރާތުން ނެރުނު ނޫސް ބަޔާނެއްގައި ވަނީ، އެ ބިދޭސީން އިމިގްރޭޝަނާ ހަވާލުކުރީ ޑީޕޯޓް ކުރުމަށް ކަމަށް ބުނެ ކަމަށާއި، އެހެންވިޔަސް އިމިގްރޭޝަންގެ ގާނޫނާ ހިލާފްނުވާ ބަޔަކު ނުރުހުމުގައި ރާއްޖޭން ފޮނުވާލަން އިމިގްރޭޝަނާ ހަވާލު ކުރުމުގެ ބާރު ފުލުހުންނަށް ނޯންނާނެ ކަމަށެވެ.

އަދި ޖަލުތަކާއި ޕެރޯލް ގާނޫނުގައި އޮންނަ ގޮތުން، ތުހުމަތުތަކުގައި މީހުން ބަންދު ކުރެވޭ ތަންތަނުގެ ތެރޭގައި އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރު ނުހިމެނޭ ކަމަށާއި އެ ގޮތަށް އެ ގާނޫނުގައި ބަޔާން ނުކުރާ ތަނެއްގައި ބަންދު ކުރުމަކީ އެންޓި ޓޯޗާގެ ގާނޫނުގައި ބުނާ ގޮތުން ޓޯޗާގެ އަމަލެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން އެ ބިދޭސީން އެ ސެންޓަރުގައި ބަންދުގައި ބަހައްޓާފައިވަނީ އިމިގްރޭޝަންގެ ގާނޫނާ ހިލާފަށް ކަމަށް ފެންނާނީ ކްރިމިނަލް ކޯޓަށް ހެބިއަސް ކޯޕަސްގެ މައްސަލައެއް ނުވަތަ އެ މީހުން ބަންދުން ދޫކޮށްދިނުމުގެ އަމުރަކަށް އެދި ހުށަހަޅަން ނިންމީ ކަމަށް ވަކީލުންގެ ބަޔާނުގައިވެއެވެ.

ބޮޑުފިނޮޅުގައި ތިބި ބިދޭސީން ހުޅުމާލެއަށް ގެނެސްފައި ވަނީ މިމަހުގެ އެއްވަނަ ދުވަހުގެ ރެއެވެ. އެ ބިދޭސީން ހުޅުމާލެއަށް ގެނެސްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ބޮޑުފިނޮޅުން ފެނާއި ކަރަންޓު ކަނޑާލާ، ކައްކާނެ ދަރެއް ވެސް ނެތި ބިދޭސީން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަން ފެށުމުންނެވެ.

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ނުލިބިގެން ނުރުހުން ފާޅުކޮށް، 13 ދިވެއްސަކު ރަހީނުކޮށް ހަމަނުޖެހުންތަކެއް ހިންގާފައި ވަނީ މިދިޔަ މަހުގެ ދެވަނަ ދުވަހެވެ. އެމީހުން ހަމަނުޖެހުން ހިންގީ 6 މަހުގެ މުސާރަ ނުލިބޭ ކަމަށް ބުނެއެވެ. މި ހަމަނުޖެހުމުގައި އެރަށަށް އަރަން އުޅުނު ފުލުހުންގެ ބަޔަކަށް އަނިޔާވެފައި ވާއިރު، ހަމަނުޖެހުން ހައްލު ކުރުމަށް ފުލުހުންނަށް އެރަށަށް އެރުނީ މާލެއިން ފުލުހުން އެރަށަށް ގޮސްގެން ތިން ފަހަރަށް މަސައްކތް ކޮށްގެންނެވެ.

ބޮޑުފިނޮޅު ހަމަނުޖެހުމައި ގުޅިގެން ޖުމްލަ 23 ބިދޭސީއަކު އިމިގްރޭޝަނާއި ހަވާލު ކޮށްފައި ވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އޭގެ ތެރެއިން 21 ބިދޭސީންނަކީ އިމިގްރޭޝަންގެ ގަވައިދާ ހިލާފު ވެގެން ހަވާލު ކޮށްފައި ވާ ބިދޭސީން ކަމަށާއި ބާކީތިބި 2 ބިދޭސީންނަކީ ހިއުމަން ޓްރެފިކިންގެ ތުހުމަތު ކޮށްފައި ވާ ދެ ބިދޭސީން ކަމަށެވެ.

އޭގެ ތެރެއިން 19 ބިދޭސީއަކީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ފުލުހުން އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ބިދޭސީންނެވެ. މި ހަމަނުޖެހުމުގައި 19 ބިދޭސީއަކު ހައްޔަރުކޮށް އެމީހުންގެ މައްޗަށް ވައްކަމާއި ޓެރަރިޒަމްގެ ތުހުމަތު ފުލުހުން ކުރާއިރު، އެ ބިދޭސީން ވަނީ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ގެންދިއުމުން، މުސާރަ ނުދޭ ކަމަށާއި އެކަމާ ޝަކުވާ ކުރުމުން މަރުގެ އިންޒާރު ވެސް ދީފައިވާ ކަމަށް ބުނެފައެވެ. މީގެ އިތުރުން އެ ބިދޭސީން ބޮޑުފިނޮޅުގައި ގެންގުޅުނު، ށ. މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ކުންފުނި، ރިޒް ކޮމްޕެނީއަށް ވަނީ ހިއުމަން ޓްރެފިކިންގެ ތުހުމަތު ކޮށްފައެވެ.

އަދި ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އެ ރަށުގައި ތިބި ބިދޭސީންނާއި ހަވާލުވުމަށް އަންގާ ރިޒް ކުންފުނީގެ މައްޗަށް އަމުރުވެސް ކޮށްފައެވެ. ނަމަވެސް އެ ކުންފުނިން ވަނީ އެކަން ހައި ކޯޓުގައި އިސްތިއުނާފު ކޮށް ބިދޭސީންނާ ހަވާލު ނުވެފައެވެ.