ބ އަތޮޅުގައި ތަރައްގީ ކުރާ ރިސޯޓެއް ކަމަށްވާ ބޮޑުފިނޮޅުގައި ތިބި ބިދޭސީން ހުޅުމާލެއަށް ގެނައުމުގައި ސަރުކާރުން އެއްވެސް ހަރަދެއް ކޮށްފައި ނުވާނެ ކަމަށް މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ބޮޑުފިނޮޅުގައި ތިބި ބިދޭސީން އެރަށުން ބާލާ ރައްކާތެރި މާހައުލަކަށް ގެނައުމުގެ ހަރަދުތައް ކޮށްފައި ވަނީ ކޮންފަރާތަކުންތޯ، "ދަ ޕްރެސް" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފައްޔާޒް ވިދާޅުވީ ބޮޑުފިނޮޅުގައި ތިބި ބިދޭސީން ހުޅުމާލެއަށް ގެނައުމުގެ ހުރިހާ ހަރަދެއްވެސް ކޮށްފައި ވަނީ އާރް އައި އެކްސް (ރިޒް ކުންފުނި) ކަމަށާއި އެކަމަށް ސަރުކާރުން އެެއްވެސް ހަރަދެއް ކޮށްފައި ނުވާ ކަމަށެވެ.

ފައްޔާޒް އެފަދައިން ވިދާޅުވެފައި ވާއިރު ބައެއް މީޑިއާތަކުންނާއި ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމްތަކުގައި ބުނެފައިވާ ގޮތުން އެކަމަށް ހަރަދުކޮށްފައި ވަނީ ސަރުކާރުގެ ފަރާތުންނެވެ.

ބޮޑުފިނޮޅުގައި ތިބި ބިދޭސީން ހުޅުމާލެއަށް ގެނެސްފައި ވަނީ މިމަހުގެ އެއްވަނަ ދުވަހުގެ ރެއެވެ. އެ ބިދޭސީން ހުޅުމާލެއަށް ގެނެސްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ބޮޑުފިނޮޅުން ފެނާއި ކަރަންޓު ކަނޑާލާ، ކައްކާނެ ދަރެއް ވެސް ނެތި ބިދޭސީން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަން ފެށުމުންނެވެ.

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ނުލިބިގެން ނުރުހުން ފާޅުކޮށް، 13 ދިވެއްސަކު ރަހީނުކޮށް ހަމަނުޖެހުންތަކެއް ހިންގާފައި ވަނީ މިދިޔަ މަހުގެ ދެވަނަ ދުވަހެވެ.

އެމީހުން ހަމަނުޖެހުން ހިންގީ 6 މަހުގެ މުސާރަ ނުލިބޭ ކަމަށް ބުނެއެވެ. މި ހަމަނުޖެހުމުގައި އެރަށަށް އަރަން އުޅުނު ފުލުހުންގެ ބަޔަކަށް އަނިޔާވެފައި ވާއިރު، ހަމަނުޖެހުން ހައްލު ކުރުމަށް ފުލުހުންނަށް އެރަށަށް އެރުނީ މާލެއިން ފުލުހުން އެރަށަށް ގޮސްގެން ތިން ފަހަރަށް މަސައްކތް ކޮށްގެންނެވެ.

ބޮޑުފިނޮޅު ހަމަނުޖެހުމައި ގުޅިގެން ޖުމްލަ 23 ބިދޭސީއަކު އިމިގްރޭޝަނާއި ހަވާލު ކޮށްފައި ވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އޭގެ ތެރެއިން 21 ބިދޭސީންނަކީ އިމިގްރޭޝަންގެ ގަވައިދާ ހިލާފު ވެގެން ހަވާލު ކޮށްފައި ވާ ބިދޭސީން ކަމަށާއި ބާކީތިބި 2 ބިދޭސީންނަކީ ހިއުމަން ޓްރެފިކިންގެ ތުހުމަތު ކޮށްފައި ވާ ދެ ބިދޭސީން ކަމަށެވެ.

އޭގެ ތެރެއިން 19 ބިދޭސީއަކީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ފުލުހުން އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ބިދޭސީންނެވެ. މި ހަމަނުޖެހުމުގައި 19 ބިދޭސީއަކު ހައްޔަރުކޮށް އެމީހުންގެ މައްޗަށް ވައްކަމާއި ޓެރަރިޒަމްގެ ތުހުމަތު ފުލުހުން ކުރާއިރު، އެ ބިދޭސީން ވަނީ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ގެންދިއުމުން، މުސާރަ ނުދޭ ކަމަށާއި އެކަމާ ޝަކުވާ ކުރުމުން މަރުގެ އިންޒާރު ވެސް ދީފައިވާ ކަމަށް ބުނެފައެވެ. މީގެ އިތުރުން އެ ބިދޭސީން ބޮޑުފިނޮޅުގައި ގެންގުޅުނު، ށ. މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ކުންފުނި، ރިޒް ކޮމްޕެނީއަށް ވަނީ ހިއުމަން ޓްރެފިކިންގެ ތުހުމަތު ކޮށްފައެވެ.

އަދި ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އެ ރަށުގައި ތިބި ބިދޭސީންނާއި ހަވާލުވުމަށް އަންގާ ރިޒް ކުންފުނީގެ މައްޗަށް އަމުރުވެސް ކޮށްފައެވެ. ނަމަވެސް އެ ކުންފުނިން ވަނީ އެކަން ހައި ކޯޓުގައި އިސްތިއުނާފު ކޮށް ބިދޭސީންނާ ހަވާލު ނުވެފައެވެ.