ބ. ބޮޑުފިނޮޅުން ހައްޔަރުކުރި ބިދޭސީން އިމިގްރޭޝަނާ ހަވާލު ކޮށްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އިމިގްރޭޝަންގެ މީޑިއާއިން ބުނީ ބޮޑުފިނޮޅު މައްސަލައިގައި ހައްޔަރުކުރި ބިދޭސީން އިމިގްރޭޝަނާ ހަވާލު ކޮށްފައި ވާ ކަމަށެވެ.

ބޮޑުފިނޮޅު ހަމަނުޖެހުމައި ގުޅިގެން ޖުމްލަ 23 ބިދޭސީއަކު އިމިގްރޭޝަނާއި ހަވާލު ކޮށްފައި ވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އޭގެ ތެރެއިން 21 ބިދޭސީންނަކީ އިމިގްރޭޝަންގެ ގަވައިދާ ހިލާފު ވެގެން ހަވާލު ކޮށްފައި ވާ ބިދޭސީން ކަމަށާއި ބާކީތިބި 2 ބިދޭސީންނަކީ ހިއުމަން ޓްރެފިކިންގެ ތުހުމަތު ކޮށްފައި ވާ ދެ ބިދޭސީން ކަމަށެވެ. އޭގެ ތެރެއިން ރޭ އިމިގްރޭޝަނައި ހަވާލު ކޮށްފައި ވަނީ 19 ބިދޭސީން ކަމަށާއި މީގެ ކުރިން ދެ ބިދޭސީއަކު ހަވާލު ކޮށްފައި ވާ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ.

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ނުލިބިގެން ނުރުހުން ފާޅުކޮށް، 13 ދިވެއްސަކު ރަހީނުކޮށް ހަމަނުޖެހުންތަކެއް ހިންގާފައި ވަނީ މިދިޔަ މަހުގެ ދެވަނަ ދުވަހެވެ.

އެމީހުން ހަމަނުޖެހުން ހިންގީ 6 މަހުގެ މުސާރަ ނުލިބޭ ކަމަށް ބުނެއެވެ. މި ހަމަނުޖެހުމުގައި އެރަށަށް އަރަން އުޅުނު ފުލުހުންގެ ބަޔަކަށް އަނިޔާވެފައި ވާއިރު، ހަމަނުޖެހުން ހައްލު ކުރުމަށް ފުލުހުންނަށް އެރަށަށް އެރުނީ މާލެއިން ފުލުހުން އެރަށަށް ގޮސްގެން ތިން ފަހަރަށް މަސައްކތް ކޮށްގެންނެވެ.

މި ހަމަނުޖެހުމުގައި 19 ބިދޭސީއަކު ހައްޔަރުކޮށް އެމީހުންގެ މައްޗަށް ވައްކަމާއި ޓެރަރިޒަމްގެ ތުހުމަތު ފުލުހުން ކުރާއިރު، އެ ބިދޭސީން ވަނީ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ގެންދިއުމުން، މުސާރަ ނުދޭ ކަމަށާއި އެކަމާ ޝަކުވާ ކުރުމުން މަރުގެ އިންޒާރު ވެސް ދީފައިވާ ކަމަށް ބުނެފައެވެ. މީގެ އިތުރުން އެ ބިދޭސީން ބޮޑުފިނޮޅުގައި ގެންގުޅުނު، ށ. މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ކުންފުނި، ރިޒް ކޮމްޕެނީއަށް ވަނީ ހިއުމަން ޓްރެފިކިންގެ ތުހުމަތު ކޮށްފައެވެ.

އަދި ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އެ ރަށުގައި ތިބި ބިދޭސީންނާއި ހަވާލުވުމަށް އަންގާ ރިޒް ކުންފުނީގެ މައްޗަށް އަމުރުވެސް ކޮށްފައެވެ. ނަމަވެސް އެ ކުންފުނިން ވަނީ އެކަން ހައި ކޯޓުގައި އިސްތިއުނާފު ކޮށް ބިދޭސީންނާ ހަވާލު ނުވެފައެވެ.

އެ ފަހުން ރިސޯޓުގައި ތިބި ބިދޭސީންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ހުރަސް އަޅައި، ފެނާއި ކަރަންޓުގެ ހިދުމަތައް ދިނުމަށް ވެސް ހުރަސް އެޅި މައްސަލަ އެއް ވަނީ ފެންމަތިވެފައެވެ. ނަމަވެސް މިހާރު އެ ބިދޭސީން ވަނީ ހުޅުމާލެ ފެސިލިޓީއަކަށް ސަރުކާރުގެ ހަރަދުގައި ގެންގޮސްފައެވެ.