ކޮވިޑް-19ގެ ކޭސްއެއް މާޗު މަހުގެ 7 ވަނަ ދުވަހު ރާއްޖެއިން ފެނިފައި ވަނީ ކުރެއްދޫ ރިސޯޓް އެންޑް ސްޕާގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ފަތުރުވެރިއަކު ރާއްޖެއިން ފުރައިގެން ދިޔަފަހުން ކޮވިޑަށް ޕޮޒިޓިވް ވުމުންނެވެ. އެހިސާބުން ފެށިގެން ސަރުކާރުން ތަފާތު ފިޔަވަޅުތަށް އަޅަމުން އައި ނަމަވެސް ވައިރަސް މާލެއަސް އައިސް، ކޮމިއުނިޓީ ސްޕްރެޑުގެ ފުރަތަމަ ކޭސް އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ވަނީ އިއުލާން ކޮށްފައެވެ. އެދުވަހަށް ފަހު މާލެ ލޮކްޑައުން ކޮށް، ކޮވިޑާ ގުޅޭ ކަންކަން ބެލެހެއްޓުމަށް ހަދާފައި އޮތް ނޭޝަލަން އިމަޖެންސީ އޮޕްރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ހިދުމަތްތައް ވަރުގަދަކޮށް، ރަނގަޅުކޮށް ގައުމުގެ ކޮވިޑާ ގުޅޭ ސިއްހީ ހުރިހާކަމެއް އެ ސެންޓަރަށް ބަދަލު ކުރިއެވެ.

ގައުމަށް ކުރިމަތިވެފައި މިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލުގައި އަމިއްލަ އާއިލާއާ ދުރުގައި ގިނަ ވަގުތު ހޭދަކުރަމުން ހެނދުނު މަސައްކަތަށް ނިކުންނަ ގޮތަށް ރޭގަނޑު ދަން ވަންދެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ދަށުން މަސައްކަތް ކުރާ އެންމެންވެސް އައީ އެއް އަޒުމެއްގައި މަސައްކަތް ކުރަމުންނެވެ. އެޗްޕީއޭން ކުރަމުންދާ މަސައްކަތައް އާންމުންވެސް އެއްބާރުލުން ދިނުމުގެ ގޮތުން ޒަރޫރީ ބޭނުމަށްވެސް ގެއިން ނުނުކުމެ މަޑުކުރިއެވެ.

އެތައް ޑޮކްޓަރުންނަކާއި ސިއްހީ ތަޖުރިބާކާރުންގެ ލަފައާއެކު ޖުލައި މަހު 9 ވަނަ ދުވަހު 2553 ކޭސް ޖުމްލަ ހުރި އިރު އެކްޓިވް ކޭސްގެ ގޮތުގައި 306 ކޭސްއަށް ތިރިވިއެވެ. ނަމަވެސް ލޮކްޑައުންއަށް ޖުލައި މަހުގެ 15 ވަނަ ދުވަހު ދިން ލުޔާއެކު، އަނެއްކާވެސް ކޭސްތައް އިތުރުވާން ފެށިއެވެ. އެގޮތުން އެޗްޕީއޭގެ އަދަދު ތަކަށް ބަލާއިރު މިދިޔަ މަހުގެ 20 ވަނަ ދުވަހު ރާއްޖޭގައި ކޮވިޑް ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދަކީ 2999 އެވެ. މިއަދަށް 14 ދުވަސް ހަމަވެފައި ވާއިރު އެ އަދަދު ވަނީ 4164 އަށް އަރާފައެވެ.

ޑރ. ޝީނާގެ ޕްރޮޖެކްޝަން ޓޭބަލް

އިއްޔެ އަކީ ރާއްޖޭގައި 24 ގަޑިއިރު ތެރޭ ކޮވިޑް ކޭސް އެންމެ ގިނައިން ފެނިފައިވާ ދުވަހެވެ. އެގޮތުން އިއްޔެ އެކަނި ރާއްޖެއިން 215 ކޭސް ފެނިފައި ވެއެވެ. އޭގެ ތެރޭގައިވެސް ގިނައީ ދިވެހިންނެވެ. މިއަދު ޖުމްލަ 149 މީހަކަށް ކޮވިޑް ޖެހިފައިވެއެވެ. މިހާތަނަށް އައި އިރު ރާއްޖެއިން ކޮވިޑް ޖެހުނު ދިވެހިންގެ އަދަދު 1785 އަށް ވަނީ އަރާފައެވެ. މީގެ ކުރިން ރާއްޖޭގައި ކޮވިޑް ޖެހޭ ބަންގްލަދޭޝް މީހުން އިތުރު ނަމަވެސް މިހާރު ވަނީ ދިވެހިންގެ އަދަދު އިތުރު ވެފައެވެ.

ކޮވިޑް19 އިން ރައްކާތެރި ވުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން ލޮކްޑައުންނަށް ލުއިދީ މިހާރު ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ހުޅުވާލައި ފިހާރަތަކާއި ރެސްޓޯރަންޓް ކެފޭތައްވެސް ވަނީ ހުޅުވާލާފައެވެ. ހަމައެއާއެކު މިސްކިތްތަކުގައި ނަމާދު ކުރުމުގެ ހުއްދަވެސް ވަނީ ދީފައެވެ. މިހާލަތަށް ބަދަލު ކުރި ފަހުން މާލޭގެ މަގުތަކުގައި ނުކުމެ އުޅޭ މީހުންގެ އަދަދު ވަނީ އިތުރު ވެފައެވެ.

މިދިޔަ މަހުގެ ފުރަތަމަ ހަތަރު ހަފްތާގެ ތަފާސްހިސާބަށް ބަލާއިރު، މިސްކިތްތަކުން ފެނިފައި ވަނީ އެންމެ ކޮވިޑް ކޭސްއެކެވެ. ސްކޫލްތައްް ފަދަ ކިޔަވައިދޭ ތަންތަނުން 28 ކޭސްއެއް ފެނިފައިވާ ކަމަށާއި، ޖިމްތަކުން 35 ކޭސް އަކާއި، އެއްގަމާއި ވައިގެ އުޅަނދުފަހަރު ތަކުން 44 ކޭސްއެއް ފެނިފައިވާ ކަމަށާއި އާންމުން އެއްވެ އުޅޭ ޕަބްލިކް ޓްރާންޕޯޓް ފަދަ ތަންތަނުން 74 ކޭސްއަކާއި ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒްތަކާއި ކުޑަކުދިންގެ ހިޔާ ފަދަ ތަންތަނުން 78 ކޭސްއަކާއި އެކި ކަހަލަ ފިހާރަތަކުން 89 ކޭސްއަކާއި އިތުރު ތަންތަނުން 85 ކޭސްއެއް ފެނިފައިވާ ކަމަށެވެ.

މިދިޔަ މަހު އެންމެ ގިނަ ކޭސްތަކެއް ފެނިފައި ވަނީ މަސައްކަތުގެ މާހައުލުންނާއި ކެފޭ ރެސްޓޯރަންޓް ތަކުންނެވެ. އެގޮތުން ކެފޭ ރެސްޓޯރަންޓް ތަކަށް ބަލާނަމަ ޖުމްލަ 154 ކޭސް ފެނިފައިވެެއެވެ. އަދި އޮފީސްތަކުން 655 ކޭސްއެއް މިދިޔަ މަހު އެކަނި ފެނިފައި ވާއިރު، މަސައްކަތް ކުރާ އެހެނިހެން ތަންތަނުން 564 ކޭސްއެއް ފެނިފައި ވެއެވެ. ޖޫން 15 ގައި ލޮކްޑައުން އުވާލި އިރު ރާއްޖޭގައި ޕޮޒިޓިވް ވަމުން ދިޔައީ ސާމްޕަލް ނަގާ ޓެސްޓު ކުރި މީހުންގެ ތެރެއިން 2.08 ޕަސަންޓު މީހުންނެވެ. ނަމަވެސް މި ރޭޓު ދުވަހެއް ދުވަހަކަށް އިތުރު ވަމުން ގޮސް މިހާރު ވަނީ 11 ޕަސަންޓަށް އަރާފައެވެ.

ލޮކްޑައުނަށް ލުއި ދިނުން: ކުޑަކުދިންގެ ދެ ގަޑިއިރު / ފޮޓޯ: ނިމާ ހަސަން | ދަ ޕްރެސް

ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތައް ރާއްޖޭގައިވެސް މި ދަނީ ކޮވިޑްގެ ދެވަނަ ރާޅެވެ. އެގޮތުން މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ރޭ އެޗްއީއޯސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ކޮންސަލްޓަންޓް ޑރ. ޝީނާ މޫސާ ދެއްވި ޕްރެޒެންޓޭޝަން ގައި އަނެއްކާވެސް ދެއްވާފައިވާ ހިސާބުތައް އިންތިހާއަށް ބިރުވެރިއެވެ.

ޑރ. ޝީނާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކުރިއަށް އޮތް 5 މަސްދުވަހުގެ ތެރޭގައި ރާއްޖެއިން 5445 މީހަކަށް ކޮވިޑް ޖެހުމުގެ ފުރުސަތު އެބައޮތެވެ. އެގޮތުން ކޮވިޑްގެ ހާލަތު އެންމެ ގޯސް ވަނީ މި މަހު ކަމަށް ލަފާ ކޮށްފައި ވާއިރު، މިމަހު އެކަނި 2373 މީހަކަށް ބަލި ޖެހޭނެއެވެ. އެއީ ދުވާލަކަށް 170 މީހުންނެވެ. އަދި މި މަހު 475 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހޭނެ ކަމަށްވެސް ޑރ. ޝީނާ ލަފާ ކުރައްވައިފައި ވެއެވެ.

ސެޕްޓެމްބަރު މަހަަށް ބަލާއިރު، ޖުމްލަ 1464 މީހަކަށް ޖެހޭނެ ކަމަށް ލަފާކޮށްފައި ވެއެވެ. އެއީ ދުވާލަކު 105 މީހަކަށް ކަމަށްވާއިރު، އޭގެ ތެރެއިން ޖުމްލަ 293 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހޭނެ ކަމަށް ޑރ.ޝީނާ ލަފާ ކުރައްވައިފައި ވެއެވެ. އޮކްޓޫބަރު މަހަށް ބަލާއިރު، 945 މީހަކަށް ބަލި ޖެހި، 189 މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހޭނެ ކަމަށް ލަފާކޮށްފައި ވެއެވެ. އޭގެ ތެރއިން ދުވާލަކު 68 މީހަކަށް ކޮވިޑް ޖެހޭނެ ކަމަށް ޑރ.ޝީނާގެ ހިސާބުތަކުން ދައްކައެވެ.

ނޮވެމްބަރު މަހަށް ބަލާއިރު، ޖުމްލަ 409 މީހަކަށް ކޮވިޑް ޖެހޭނެ ކަމަށް ލަފާކޮށްފައި ވެއެވެ. ޑިސެމްބަރު މަހު 254 މީހަކަށް ކޮވިޑް ޖެހޭނެ ކަމަށް ލަފާކޮށްފައި ވާއިރު، ކުރިއަށް އޮތް 5 މަސްދުވަހުގެ ތެރޭގައި 1090 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހޭނެ ކަމަށާއި އޭގެ ތެރެއިން 128 މީހަކަށް އައިސީޔޫގައި ފަރުވާ ދޭން ޖެހޭނެ ކަމަށް ޑރ.ޝީނާ ލަފާ ކުރައްވައިފައި ވެއެވެ. އައިސީޔޫއަށްލާ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން މަރުވާނެ ކަމަށް ލަފާކޮށްފައިވާއިރު އެއީ 64 މީހުންނެވެ.

ޑރ. ޝީނާގެ ޕްރޮޖެކްޝަން ޓޭބަލް

ޑރ.ޝީނާ މީގެ ކުރިން ވިދާޅުވެފައިވާ އަދަދު ތަކާ ރާއްޖޭގެ ހާލަތާ ގާތްގަނޑަކަށް ދިމާވާ އިރު، ކޮވިޑާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އެކަށީގެންވާ ފިޔަވަޅުތައް ސަރުކާރާ ސިއްހީ މާހިރުންނަށް އެކަށީގެންވާ ގޮތެއްގައި ނޭޅެނީބާއެވެ. ނޫނީ ރައްޔިތުން، ސިއްހީ މާހިރުން ދެމުންދާ އިރުޝާދުތަކަށް ބޯ ނުލަނބަނީބާއެވެ. މިއީ އާދައިގެ ރޯގާއެއް ކަމަށް ބަލާ ބޭރަށް ނިކުންނަނީ ބާއެވެ. މާސްކް އެޅުން މަޖުބޫރު ކުރިއަސް މާސްކް ނާޅާ މީހުން ފެންނަނީ ކީއްވެ ހެއްޔެވެ. މިހާ ހަލުވިކަމާއެކު ބަލި ފެތުރެމުން ދާއިރު މިއީ ކުޑަ ކަމެއްގެ ގޮތުގައި ރައްޔިތުން ނިންމީބާއެވެ؟ ނޫނީ ރާއްޖޭގެ ސިއްހީ ދާއިރާގެ މީހުން ކުރަމުންދާ މަސައްކަތް އެކަށީގެންވާ ވަރަށް ނުކުރެވެނީބާއެވެ؟

ނުވަތަ މިކަން ގުޅިފައިވަނީ، ވަޒީފާތަކުން ކުޑަކުރި މުސާރަ ބޮޑުކުރަން ނުކެރުމާއި އާންމު މީހާގެ އާމްދަނީއަށް ބޮޑުތަނުން އަސަރު ކުރުމާއި ބޭންކުތަކާއި އެކިއެކި ލޯން ދޫ ކުރާ ތަންތަނުން ދިން ލުއި މުއްދަތު ހަމަވެ މި މަހު ލޯނު އަދާކުރަން ފަށަން ޖެހުމާއި ކަރަންޓް ބިލާ، ފެންބިލަށް ދިން ލުއި ހަމަވެ، ބޮޑު ބިލު އަންނަން ފެށުމާއި ގޭގޭގެ ކުލިން ދިން ލުއިތައް ހަމަ ކުއްޔަށް ބަދަލު ކުރަން ފަށުމުން، ރައްޔިތުން އާމްދަނީ ހޯދަން ނުކުންނަށް މަޖުބޫރުވުމާ ނޫންބާވައެވެ.

މި ވާހަކަ ދައްކާ މީހަކު ނުފެންނަ އިރު، އިހުމާލު ވަނީ ފަރުދީ ޒިންމާ ނުނަގާ ރައްޔިތުންނޭ އެއްބަޔަކު ބުނާ އިރު އަނެއް ބަޔަކު އެ ޒިންމާ އަޅުވަނީ ސިއްހީ މާހިރުންގެ ބޮލުގައެވެ.