މި މަހުގެ 31 ވަނަ ދުވަހުގެ ކުރިން އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ ބާއްވަން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެސްޓީއޯ އިން ބުނީ، މިދިއަ 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ވީހާވެސް އަވަހަކަށް އާންމު ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށާއި، އަހަރީ އާންމު ޖަލްސާއަށް ބާއްވަން ވާއިރަށް އަހަރީ ރިޕޯޓް އާންމު ކުރާނެ ކަމަށެވެ. އެގޮތުން އަހަރީ އާންމު ޖަލްސާ ބާއްވާނެ ވަކި ތާރީހެއް އާންމު ކުރާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު އެކުލަވާލުމާއި ޑިރެކްޓަރުންގެ ބޯޑުން ބެހުމަށް ނިންމާފައިވާ ހިއްސާގެ ފައިދާ ބަހަން ފާސްކުރުން އޮންނާނެއެވެ.

އެސްޓީއޯ އިން ވަނީ، އެ ކުންފުނީގެ މިއަހަރުގެ ދެވަނަ ކުއާޓާގެ ރިޕޯޓް ދާދިފަހުން އާންމު ކޮށްފައެވެ. މިއަހަރުގެ ދެވަނަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި 104 މިލިއަން ރުފިޔާ ލިބުނު އިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 114 މިލިއަން ރުފިޔާ ލިބިފައި ވެއެވެ.

މިއަހަރުގެ ފުރތަމަ ކުއާޓަރަށް ވުރެއް ދެވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ ވަރަށް ބޮޑުތަން ވަނީ ދަށަށް ގޮސްފައެވެ. އެސްޓީއޯގެ ސާފު ފައިދާ ދަށްވެފައި ވަނީ ކޮވިޑް-19 ގެ ސަބަބުން އިގްތިސޯދު ހީނަރުވުމުގެ ސަބަބުން އެ ކުންފުނީގެ ވިޔަފާރި ހީނަރުވުމުންނެވެ.