ޔަމަންގެ ޔާސިރު ޔަހުޔާ ވަރަށް ކްރިޓިކަލް ކަމަށް ހަބަރު ލިބިއްޖެއެވެ. ބައެއް މަސްދަރުތަކުން އޭނާ މަރުވެއްޖެ ކަމަށް ވެސް އެބަ ބުނެއެވެ. އަދި މިހާރު އޭނާގެ އާއިލާގެ އެދުމުގެ މަތިން ސީޕީއާރު ދެމުން ދާ ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.

ނަމަވެސް ކަރެކްޝަނުން ބުނީ ވަރަށް ކްރިޓިކަލް ކަމަށާ، އައިޖީއެމް ހޮސްޕިޓަލުން ޔަގީން ކޮށްދިނުމުން ބަޔާނެއް ނެރޭނެ ކަމަށެވެ.

ޔަހުޔާއަކީ ޓެރަރިޒަމާ ގުޅުން ހުރި ތުހުމަތުތަކެއްގައި ހައްޔަރުކޮށްފައި ހުރި މީހެކެވެ. އޭނާގެ ތަފާތު ޓްރެކް ރެކޯޑް އޮތް އިރު ޓެރަރިޒަމާ ގުޅުން ހުރި މައްސަލަތަކުގައި ރާއްޖެ ނޫން ގައުމުތަކުގައިވެސް އޭނާ ބަނދު ކުރިއެވެ. ނަމަވެސް އޭނާއަށް ރާއްޖެ އާދެވުމުން، ރާއްޖޭގައި އުޅުމުގެ ތެރޭގައި ވަނީ ދިވެއްސަކާ ކައިވެނިކޮށް ކުއްޖަކުވެސް ހޯދާފައެވެ.

އަދި އޭނާއަކީ ޓެރަރިޒަމާ ގުޅުން ހުރި މީހެއް ކަން އެނގިގެން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް އޭނާ ގެންދިޔައީ މާޗް 3، 2017، ގައެވެ. އެއަށް ފަހު ދައުވާއެއް ނުކޮށް ބަންދުކޮށްފައި ބެހެއްޓުމުން، އޭނާ މީގެ ކުރިންވެސް ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރިއެވެ. އެފަހަރު ހާލު ދެރަވެ އައިޖީއެމްއެޗްގައި އައިވީ ގުޅައިގެން ފަރުވާ ދީފައިވެސް ވެއެވެ. އެފަހުން އޭނާ ކާން ފެށިކަމަށް ކަމާބެހޭ އިދާރާތަކުން މީގެ ކުރިން ވަނީ ބުނެފައެވެ.

ޔަހުޔާ ހައްޔަރު ކުރީ، އޭނާ ދޫކޮށްލާފައި ހުރެއްޖެ ނަމަ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ގެއްލުން ވެދާނެ ކަމަށް ބެލެވޭތީ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައި ވެއެވެ.