ކަލާފާނު ސްކޫލުގެ ހުރިހާ ޓީޗަރުން ގޫގުލް އެޑިއުކޭޓަރުންގެ ސެޓްފިކެޓް ހޯދައިފިއެވެ.

ކަލާފާނު ސްކޫލުން ބުނީ، އެ ސްކޫލުގެ ހުރިހާ ޓީޗަރުން ގޫގުލް އެޑިއުކޭޓަރުންގެ ސެޓްފިކެޓް ހޯދާފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނޭ 105 ޓީޗަރުންނާއި، ސްކޫލް މެނޭޖްމެންޓް ޓީމުގެ 18 މުވައްޒަފަކު ކަމަށެވެ. އެ ސްކޫލުން ބުނީ ސްކޫލުގެ ހުރިހާ ޓީޗަރުން ގޫގުލް އެޑިއުކޭޓަރުންގެ ސެޓްފިކެޓް ހޯދުމަކީ ލިބޭ ފަހުރެއް ކަމަށާއި، ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ކަލާފާނު ސްކޫލުން ވަނީ މިކަމާ ގުޅިގެން ސްކޫލުގެ ޓީމަށް މަރުހަބާ ކިޔާ، އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިންގެ އިތުރުން މިަކމުގައި އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

ކަލާފާނު ސްކޫލުގެ ހުރިހާ ޓީޗަރުން ގޫގުލް އެޑިއުކޭޓަރުންގެ ސެޓްފިކެޓް ހޯދުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވެސް ވަނީ އެ ސްކޫލުގެ ޓީމަށް މަރުހަބާ ދަންނަވާފައެވެ.

ކޮވިޑް-19ގެ ސަބބަބުން ސްކޫލުތަކުގައި ކިޔަވައިދެމުން ދަނީ އޮންލައިން ކޮށެވެ. އެގޮތުން އޮންލައިން ކިޔަވައިދިނުމުގެ މަސައްކަތް ސްކޫލްތަކުން ކުރަމުންދާއިރު، ދަރިވަރުންނަށް ކިޔަވައިދިނުމަށް ޓީޗަރުން ބޭނުންކުރާ ޕްލެޓްފޯމަކީ، ގޫގްލް ކްލާސްރޫމެވެ. ގޫގްލް ކްލާސްރޫމުގައި ކިޔަވައިދޭން ބޭނުންވާ ޓީޗަރުން ގޫގުލް އެޑިއުކޭޓަރުންގެ ސެޓިފިކެޓް ހޯދަން ޖެހެއެވެ.

ގޫގުލް އެޑިއުކޭޓަރުންގެ ތަމްރީނުގެ އިތުރުން ސްކޫލުތަކާއި އެޑިއުކޭޝަން މިނިސްޓްރީން އަދި ތައުލީމީ ދާއިރާއާ ބެހޭ ފަރާތްތަކުން ދަނީ އޮންލައިންކޮށް ކިޔަވައިދިނުމަށް ޓީޗަރުން ތަމްރީނު ކުރުމަށްޓްކައި ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ.