އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށް ވާ ޕަންޖާބުން ފާއިތުވީ ދެތިން ދުވަހެއްގެ ތެރޭގައި މަރުވި 86 މީހުންނަކީ، ވަގަށް ތައްޔާރު ކޮށްފައި ވާ ބަނގުރާ ބުއިމުގެ ސަބަބުން މަރުވި މީހުން ކަމަށް އެ ސްޓޭޓްގެ އޮފިޝަލުން ހާމަކުރައްވައިފިއެވެ.
ބަނގުރާ ބޮއެގެން މަރުވާ މީހުންގެ އަދަދު އިތުރުވަމުން ދިއުމާ ގުޅިގެން ޕަންޖާބުގެ ފުލުހުން ވަނީ ހޮނިހިރު ދުވަހު 100 ރެއިޑެއްވެސް ކުރިއަށް ގެންގޮސްފައެވެ. މި ރެއިޑްތަކުގެ ތެރެއިން، ބަނގުރާ ކައްކަން ގެންގުޅޭ ސާމާނުގެ އިތުރުން، ބަނގުރާ ކެއްކުމުގެ ވިޔަފާރީގައި ބައިވެރިވަމުން ދިޔަ ކަމަށް ތުހުމަތު ކުރެވޭ 25 މީހަކު، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާ ކަމަށް ޚަބަރު ލިބެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އިންޑިއާގައި ވަގަށް ބަނގުރާ ކައްކައިގެން އެ ރަލުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ވަނީ ފެތުރިފައެވެ. އެގޮތުން ގިނަ އަދަދަކަށް ބަނގުރާ އުފައްދާފައިވާއިރު، މަގުމަތީ ކެފޭތަކާ، އާންމު މުޖުތަމައަށްވެސް މި ޝިޕްމަންޓް ސަޕްލައި ކުރަމުންދާ ކަމަށް ޚަބަރު ލިބެއެވެ.
އިންޑިއާގައި ބަނގުރަލުގެ ވިޔަފާރި ކުރާ ފަރާތްތައް ހޯދުމަށް ކަމާ ބެހޭ ފަރާތްތަކުން ވަރުގަދަ ރެއިޑެއް ފަށާފައިވަނީ، ރާ ނުލިބިގެން ހޭންޑް ސެނިޓައިޒާ ބުއި 10 މީހަކު މަރުވި ހާދިސާތަކެއްގެ ވާހަކަތައް، ހުކުރު ދުވަހު އާންމުވި ހިސާބުންނެވެ.
އިންޑިއާގައި ވަގަށް ބަނގުރާ ތައްޔާރު ކުރުމުގައި މެތަނޯލް ކިއާ ނުރައްކާތެރި މާއްދާއެއް ބޭނުން ކުރެއެވެ. މިއީ ހަށިގަނޑުގެ އެތެރެއަށް ފޯރައިފިނަމަ ލޯ އަނދިރިވުމާ، ލިވާ ހަލާކޮށް ލުމުގެ އިތުރުން، މަރާވެސް ކުރިމަތި ކުރުވާ ވަރުގެ ނުރައްކާތެރި މާއްދާއެކެވެ.
އިންޑިއާގެ އުތުރުގެ ސަރަހައްދުތަކުގައި ރާ ވިއްކާ ތަންތަން ބަންދުކޮށްފައިވަނީ ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް ރެކޯޑް މިންވަރަކަށް އިތުރުވަމުންދާތީ، ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް މައުލޫމާތު ލިބެއެވެ. އިންޑިއާގެ އިތުރުން ބައެއް އެހެން ގައުމުތަކުގައިވެސް ކޮވިޑް-19 އާ ގުޅިގެން ރަލުގެ ވިޔަފާރި ކުރުން ވަނީ މަނާކޮށްފައެވެ.