189 ތަނެއް އިންސްޕެކްޓުކޮށް، 40 ތަނެއް ބަންދު ކޮށްފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިއަދު 189 ތަނެއް އިންސްޕެކްޓު ކުރެވިފައި ވާ ކަމަށާއި އޭގެ ތެރޭގައި ކާބޯތަކެތީގެ ހިދުމަތްދޭ 62 ތަނަކާއި 13 ސެލޫންއެއް އަދި 113 ފިހާރަ އަދި އެއް މާރުކޭޓު ހިމެނޭ ކަމަށެވެ.

އަދި އޭގެ ތެރެއިން 40 ތަނެއް މިއަދު ބަންދުކޮށްފައިވާ ކަމަށް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ. އެއީ ގައިޑަލއިންތަކާ އެއްގޮތަށް އެތަންތަން ނެތުމުން ކަމަށް ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ.

އެޗްޕީއޭ އިން ވަނީ މިހާރު ހިނގަމުންދާ އިންސްޕެކްޝަންގައި 'ބަންދު ނޯޓިސް' ދީފައިވާ ފަރާތްތަކުން ތަނުގެ ކަންތައްތައް އިސްލާހު ކުރުމުން އަލުން އިންސްޕެކްޓް ކުރެވޭނެ ކަމަށް ބުނެފައެވެ. އެކަން ކުރުމަށާއި އިތުރު މައުލޫމާތު ހޯދުމަށް ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 6:00 އަށް 7285216 ގުޅުމަށް އެޗްޕީއޭން ވަނީ އެދިފައެވެ.

މީގެ ކުރިން އެޗްޕީއޭ އިން ވަނީ އިންސްޕެކްޝަން ގައި އުސޫލުތަކާ ހިލާފަށް ހުންނަ ތަންތަން ވަގުތުން ބަންދު ކުރާނެ ކަމަށާއި އެ އިންޕެކްޝަންގައި ކެފޭ އާއި ރެސްޓޯރަންޓާއި ސައި ހޮޓާތަކާއި ސެލޫން އަދި ފިހާރަތައް ވެސް ބަލާނެ ކަމަށް ބުނެފައެވެ.

އޭގެ އިތުރުން އެޗްޕީއޭން ހަދާފައިވާ ގަވައިދަށް އަމަލު ކުރޭތޯ ބެލުމަށް ހިދުމަތްދޭ އެހެން ބައެއް ތަންތަނަށްވެސް އެ ޓީމުތައް ވަންނާނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.