ނަމާދު ކުރާއިރު ގިބުލައަށް ކުރިމަތިލުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ޝެއިހް އަލީ ޒައިދު ގޮވާލައްވައިފިއެވެ.
މިދިޔަ އީދު ދުވަހު ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯއަކުން ފެނިގެން ދަނީ އިސްލާމީ މަރުކަޒުގައި އީދު ނަމާދު ޖަމާއަތުގައި ކުރާ މަންޒަރެވެ. ނަމަވެސް ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ އީދު ނަމާދަށް ސަފު ހެދި އިރު ޖުމްހޫރީ މައިދާނުގައި ތިބި ބައެއް މީހުން ގިބުލައަށް ނުވާ ގޮތަށް ތިބި މަންޒަރެވެ.
އެކަމާ ގުޅިގެން ޝެއިހް ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިސްކިތް ހުންނަ ގޮތާއި މާލެ މަގުތައް ހުންނަ ގޮތާ އެއްގޮތް ނުވެދާނެ ކަމަށެވެ. އެެހެން ކަމުން ސަފުހަދާ އިރު ގިބްލައަށް ވާ ގޮތަށް ސަފުހެދުމަށް ސަމާލު ވުމަށް އޭނާ ގޮވާލެއްވިއެވެ.
މާލޭގައި މިއަހަރު ބޮޑު ޖަމާއަތުގައި އީދު ނަމާދެއް ނުކުރެއެވެ. އެގޮތުން އިއްޔެ އީދު ނަމާދު ކޮށްފައި ވަނީ އިސްލާމީ މަރުކަޒާއި ހުކުރު މިސްކިތްތަކުގައެވެ. މާލޭގެ އިތުރުން އައްޑޫ ސިޓީގައި ވެސް ބޮޑު ޖަމާއަތުގައި ނަމާދު ކޮށްފައެއް ނުވެއެވެ.
ކޮވިޑް-19 އާއި ގުޅިގެން މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލުމަށް ފަހު އަލުން ހުއްދަ ދިނީ މި މަހުގެ އެއްވަނަ ދުވަހުއެވެ.
މިސްކިތްތަކުގައި ނަމާދު ކުރަން ހުއްދަ ދިން ނަމަވެސް ހުކުރު ކުރަން ހުއްދަ ދިނީ ދެ ހަފްތާ ފަހުންނެވެ. މިސްކިތްތައް އާންމުކޮށް ހުޅުވާލައިފައި ވާއިރު ގައިދުރުކަން ބަހައްޓައިގެން މިސްކިތަށް އަރާ ފޭބުމަށް ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދެމުން ދިޔަ ނަމަވެސް، މިސްކިތަށް އަރާ ފޭބުމުގައާއި ޖަމާއަތަށް ސަފު ހެދުމުގައި ގައިދުރު ކަމެއް ނުބަހައްޓައެވެ. އަދި ދާދި ފަހުން ކޮވިޑަށް ޕޮޒިޓިވް ވި މީހަކު މާލޭގެ 3 މިސްކިތަކަށް އެރުމުގެ ސަބަބުން އެ މިސްކިތްތައް ވަގުތީ ގޮތުން ބަންދުކޮށް ޑިސްއިންފެކްޓް ކުރަން ޖެހިފައި ވެއެވެ.